ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ތިރީސް ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ޑޮކްޓަރ ބުނި ކޮއްކޮ ވަރަށް ބޮޑުތަން މިހާރު ރަނގަޅުވެއްޖެޔޭ.... އެކަމަކު މާދަން ކުޑަ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަނީޔޯ.... އެ އޮޕަރޭޝަން ކާމިޔާބު ވެއްޖިއްޔާ ދެން އެއްވެސް ނުރަ...

26 Nov 2023 | 06:08

ކުރީގެ އަދަދާއި ގުޅޭ...

"ޑޮކްޓަރ ބުނި ކޮއްކޮ ވަރަށް ބޮޑުތަން މިހާރު ރަނގަޅުވެއްޖެޔޭ.... އެކަމަކު މާދަން ކުޑަ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަނީޔޯ.... އެ އޮޕަރޭޝަން ކާމިޔާބު ވެއްޖިއްޔާ ދެން އެއްވެސް ނުރައްކަލެއްނެތޯ..... އެކަމަކު ދުވަސް ކޮޅެއްވަންދެން ވާހަކަ ދެއްކުމުގައި އުނދަގޫތަކައް ހުންނާނެޔޯ.... އަދި ކޮންމެވެސް ވަރަކަށް ހަނދާނުގެ މައްސަލަތަކެއްވެސް ހުންނާނެޔޯ.... އެކަންކަން މަޑުމަޑުންގޮސް އެކީ ރަނގަޅުވާން އަދި ދުވަސްކޮޅެއް ނަގާނެޔޯ ބުނީ....." ޢާއިޝާގެ ބޯލާކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން ޢާއިޝާގެ ބޮލުގައި ފިރުމާލަމުން އަޒާން ބުނެލިއެވެ.

"އަލްޙަމްދުލި ﷲ .... އިދާރާކުރެއްވިއްޔާ ދެން ވަރަށް އަވަހަށް އަހަރުމެންނަށް ރަށަށް ދެވިދާނެ....." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.

"ނޫނޭ.... ޑޮކްޓަރ ބުނި ކޮއްކޮ ގެޔަށް ފޮނުވާލިޔަސް 3 މަސްވަންދެން ހަފްތާޔަކު އެއްފަހަރު ގަވާއިދުން ޑޮކްޓަރަށް ދައްކަންވާނެއޭ.... އެހެންވީމާ ރަށަށް ދެވޭނީ އަދި މިކޮޅުގައި ތިންމަސްދުވަހު މަޑުކޮށްފައެއްނު...." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން އަޒާން ބުނެލިއެވެ.

"އިރާދަކުރެއްވިޔާ ތި އޮޕަރޭޝަނަށްފަހު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..... ބައްޕަ ދެން މިދަނީ އިނގޭ..... ހަވީރު މަންމައާއި އެކު އަންނާނަން....." ޢާއިޝާގެ ބޮލުގައި ފިރުމާލަމުން ނާޞިރު ބުނެލިއެވެ.

ޚާލިދު އޮތީ ބޭރުގައިހުރި ސަރަންފީގައި އޮށޯވެލައިގެން ނިތްކުރިމަތީގައި އަތް ބާއްވާލައިގެން ފިކުރެއްގެ ތެރެއަށް ގެއްލިފައި ހާމައަށް ފެންނަން އޮތް އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލަހައްޓައިގެންނެވެ. ހަސީނާ ފޯއްތަބަށް ހިފައިގެން އައިސް ޚާލިދަށް ދިއްކޮށްލަމުން ޖެހިގެންހުރި ސަރަންފީގައި އިށީނެވެ. ހަސީނާ އައިސް އިށީންއިރުވެސް ޚާލިދަކަށް ނޭގެއެވެ.

"ސާބަސް... ކޮން ޚިޔާލަކަށް ގެއްލިފައި..... ފޯއްތަބައް ދިއްކޮށްގެން އިންނަތާ މިހާރު ކޮން އިރެއް ....." ޚާލިދުގެ އަތުގައި މަޑުމަޑުން ޖަހާލަމުން ހަސީނާ ބުނެލިއެވެ.

"މިވިސްނަނީ އެމަންޖެއާ ދޭތެރޭ...." ތަބަކުގައި ހިފަމުން ޚާލިދު ބުނެލިއެވެ.

"އެމަންޖެ ކިހިނެތްވީ...." ޚާލިދާ ދިމާއަށް ބަލަންއިނދެ ހަސީނާ ސުވާލުކޮށްލިއެވެ.

"މިހާރު އެމަންޖެ އެހެރީ ބޮޑުވެ މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ފަށަންވެފައި.... ކުރިން އެދިމާވި ކަންތައްވެސް މިހާރު ވަރަށްބޮޑަށް ރަނގަޅު ވެއްޖެއެއްނު.... ވިލިނގިލީގައި އުޅުންއިރު އެމަންޖެ އެވާހަކަ ދެއްކި ކުއްޖާއާއި އެއްވެސް ގުޅުމެއް އޮންނަހެނެއް މިހާރަކު ހީއެއްނުވޭ.... އެހެންވީމާ މިވިސްނަނީ އެމަންޖެ ކައިވެންޏާމެދު އެއްވެސް ވަރަކަށް އެބަ ވިސްނާބާއޭ...." ފޯއްކޮޅެއް އަނގަޔަށްލަމުން ޚާލިދު ބުނެލިއެވެ.

"ތިކަމާ ކުޑަކޮށް ވާހަކަ ދައްކާލަން ހިތަށް އަރައިގެން މަވެސް މިހުންނަނީ.... މިގޭ އަޒާން އެއީ ކިހާ ރަނގަޅު ކުއްޖެއް.... ނާޞިރުމެންވެސް ބޭނުންވޭ އަޒާން އާއި ހުމޭދާ އާއި ގުޅެން.... ކުރީ ދުވަހަކު ހަސީނާވެސް އެވާހަކަ ދައްކާލާފައިއޮތީ....." ޒަހިރާވެސް ތަބަކުން ފޯއްފޮއްޗެއް ނަގަމުން ބުނެލިއެވެ.

ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ވާލެއް އުދުއްސައިގެން ދިޔަ އަޑަށް ހަސީނާއާއި ޚާލިދު ދިޔައީ ސިއްސައިގެންނެވެ.

"ކޮންއަޑެއް....." އަޑު އައިދިމާއަށް ބަލާލަމުން ހަސީނާ އެހިއެވެ.

ވާލެއް އުދުހިގަތީ...." ޚާލިދުވެސް އެދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ހިނގާ އެތެރެއަށް ދަމާ..... ނިދަންވަދެފަ ތިކަމާ ވާހަކަ ދައްކާނީ....." ހަސީނާ ތެދުވަމުން ބުނެލިއެވެ.

ޚާލިދު ތެދުވަންވެގެން ސަރަންފީގެ އަތްގަނޑުގައި ހިފާލިވަގުތު ސަރަންފީގެ ފޮތިގަނޑު ވީދައިގެންގޮސް ގޮނޑީ ތެރެއިން ބިންމައްޗަށް ވެއްޓި ޖެހުނީ އުނަގަނޑެވެ. ވީ ތަދުން ފާޑެއްގެ އަޑެއް ޚާލިދުގެ އަނގައިން ނުކުތެވެ.

"ކިހިނެތް ތިވީ.....؟" ޚާލިދު ނެގުމަށް މަސައްކަތް ކުރަމުން ހަސީނާ ބުނެލިއެވެ.

"ވަރަށް ތަދުވެއްޖެ.... ފޮތިގަނޑު ވީދައިގެން އެދިޔައީ..... ނުވެސް ތެދުވެވޭނެ..... އުނަގަނޑު ބިންދައިގެން ކަންނޭގެ އެދިޔައީ..... ވަރަށް ބޮޑަށް ތަދުވެއްޖެ... ނާޞިރުމެން މީހަކު ގޭގައި އެބައުޅޭތަ.....؟ އުޅެންޏާ ގޮވާލަން ދޭބަލަ...." ޚާލިދު ތެދުވެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

"ބޭބޭ... ކިހިނެތްވީ....؟" ޒުވާނަކު އެދިމާއަށް ބާރަށް ހިނގާފައި އަންނަމުން ބުނެލިއަޑު އިވުނެވެ.

"އޯ.... ނާޝިދުތޯ....؟ މިގޮނޑި ފޮތިގަނޑު ފަޅައިގެން ގޮސްގެން ވެއްޓިގެން މިއުޅެނީ....." ނާޝިދު އާއި ދިމާއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.

"ނުނެގިގެން މިއުޅެނީ...." ޚާލިދުގެ އަތުގައި ހިފައިގެންހުރި ހަސީނާ ބުނެލިއެވެ.

އެވަގުތު ނާޝިދު އައިސް ޚާލިދުގެ އަތުގައި ހިފައިގެން މަޑުމަޑުން ނަގައިގެން އުނަގަނޑުގައި ހިފަހައްޓައިގެން ޚާލިދު ގޮވައިގެން އެތެރެއަށް ހިނގައި ގަތެވެ.

"މިތާ ސޯފާގައި ބައިންދަމާ...." ސޯފާއާއި ދިމާއަށް އިޝާރާތް ކޮށްލަމުން ހަސީނާ ބުނެލިއެވެ.

"ނޫނޭ.... ހިޔެއްނުވެ އިށީނދެ އިނދެވޭނެހެނެއް.... ވަރަށްބޮޑަށް ތަދުވެއްޖެ.... މަޑުމަޑުން މިތާނގައި ބާއްވަބަލަ...." ސޯފާ އާއި ދިމާއަށް ތިރިވަމުން ޚާލިދު ބުނެލިއެވެ.

"ނަސީބެއްނު މިގަޑީގައި އާދެވުނުކަން.... ގޭގައި އެއްވެސް މީހަކު ނެތީމަ ނުނެގިގެން އުޅެނިކޮށް ތިއާދެވުނީ....." ނާޝިދު އާއި ދިމާއަށް ބަލާލަމުން ހަސީނާ ބުނެލިއެވެ.

"އާން..... މިހެން ދަމުންދަމުން ހިތަށްއެރީ ވަދެލަންވީއޭ..... އެހެން ނޫނަސް ބުނީމެއްނު ކަމަކު ބޭނުންވެއްޖިއްޔާ އަބަދުވެސް ހުންނާނަމޭ...." ހިނިތުންވެލާފައި ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.

"އެކްސްރޭއެއް ނަގަންޖެހޭނެ ކަންނޭގެ... ވަރަށް ބޮޑަށް އެބަ ތަދުވޭ .... ހުމޭދާއަށް ގޮވާލަބަލަ.... ނާޝިދު ކާރުގަތަ ތިއުޅެނީ...." ހަސީނާއާއި ދިމާއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.

"މިއަންނަނީ އެމަންޖެ ގޮވައިގެން...." ހަސީނާ ހިނގައިގަންނަމުން ބުނެލިއެވެ.

"ދައްކަބަލަ ބަލާލަން...." ސޯފާ ކައިރީގައި ކުޑަކަކޫ ޖަހާފައި އިށީންނަމުން ނާޝިދު ބުނެލިއެވެ.

ޚާލިދު ގަމިސް ހިއްލާލުމުން ނާޝިދު ޚާލިދުގެ އުނަގަނޑުގައި އަތްޖައްސާލުމަށްފަހު އެކިދިމަދިމާއަށް މަޑުމަޑުން ފިއްތަމުންދިޔައެވެ.

"އާނ... ތިތަނަށް ވަރަށް ބޮޑަށް ތަދުވޭ....." ބުރަކަށީގެ ވަކި ހިސާބެއްގައި އަތް ޖައްސާލުމުން ޚާލިދު ބުނެލިއެވެ.

"ހިޔެއްނުވެ ބިންދައިގެން ގޮއްސަހުރި ހެނެއް..... މަސްގަނޑަށް ތަދުވެފައި މިހިރީ..... ޑޮކްޓަރަށް ނުދިޔަސް ބޭސްގަނޑެއް އަޅާލީމަވެސް ރަނގަޅު ވެދާނެ....." ޚާލިދުގެ ބުރަކަށީގެ އެކިދިމާއަށް މަޑުމަޑުން ފިއްތަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

އެވަގުތު ހަސީނާއާއެކު ހުމޭދާވެސް އަތުވެއްޖެއެވެ. ބޭބެމެންނާއެކު ނާޝިދު އެގޭތެރެއިން އެވަގުތު ފެނުމުން ހުމޭދާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. އެހެން ނަމަވެސް ބޭބެގެ ހާލު ފެނިފައި ހުމޭދާ ދުވެފައި އައިސް ސޯފާ ކައިރީ އިށީނދެ ޚާލިދުގެ ބުރަކަށީގައި މަޑުމަޑުން ފިރުމަން ފެށިއެވެ.

"މިކޮޅުގައި ބޭސްގަނޑެއް އަޅާދޭނީ ކާކު.... އެހެން ނޫނަސް އެކްސްރޭ ނެގީމައެއްނު އެނގޭނީ ވެފައިހުރި ގޮތެއްވެސް...." ނާޝިދާ ދިމާއަށް ބަލާލުމަށްފަހު ޚާލިދު ބުނެލިއެވެ.

"އަހަރެން ބޭސްގަނޑެއް އަޅާދީފާނަމޭ..... މަސްގަނޑަށް ތަދުވެފައި ތިހިރީ....." ހުމޭދާއާއި ދިމާއަށް ބަލަން އިނދެ ނާޝިދު ބުނެލިއެވެ.

"ނާޝިދަށް އިނގޭތަ އެކަހަލަ ކަންތައްވެސް ކުރަން..... " ނާޝިދާ ދިމާއަށް ބަލާލުމަށްފަހު ހަސީނާ ބުނެލިއެވެ.

"އެހާބޮޑުވަރު ވެފައެއް ނެތޭ..... އެންމެ ބޭސްގަނޑަކުން ތިކަން ރަނގަޅު ވެދާނެ..... ނާޝިދު މިދަނީ ބޭސްގަނޑަށް ބޭނުންވާ ތަކެތި ހަމަކުރަން.... ވަރަށް އަވަހަށް އެބައަންނަން.... ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.

ހުމޭދާ އިނީ ހައިރާންވެފައެވެ. ނާޝިދަކީ ދުވަހަކުވެސް އެކަހަލަ ކަންކަން ކުރި މީހެއް ނޫނެވެ. އަދި ކޮލެޖުން ފެށިގެން ނާޝިދުއާއެކު އުޅެމުންދިޔައިރު ނާޝިދު ފަރާތުން އެފަދަ ކަމެއް ފެނިފައެއްވެސް ނުވެއެވެ.

ގާތްގަޑަކަށް ތިރީހަކަށް މިނިޓްފަހުން ނާޝިދު އައީ ކޮތަޅެއްގައި ހިފައިގެންނެވެ. އޭރުވެސް ޚާލިދު އޮތީ ސޯފާގައި ބާއްވާފައެވެ. ސޯފާ ކައިރީގައި ހުމޭދާ އާއި ހަސީނާ ތިއްބެވެ. ނާޞިރާއި ޒާހިރާ ވީ ހޮސްޕިޓަލުގައެވެ. އަޒާން ގެޔަކު ނެތެވެ.

"ހިނގާ ބޭސްގަނޑު އަޅަމާ....." ކޮތަޅުގައި އޮތް ތަށި ނެގުމަށްފަހު ސޯފާކައިރީގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.

ހުމޭދާ ޙައިރާންވެފައި ނާޝިދާ ދިމާއަށް ބަލަން އިނެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 28 ނޮވެމްބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް