ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގައި މިރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ފްރާންސް ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފިއެވެ.
ފްރާންސުން ބާކީ އެއް މެޗު އޮއްވާ ދެ ވަނަ ބުރު ކަށަވަރުކުރިއިރު، މި މެޗުން ބަލިވި ޑެންމާކަށް 2 މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. އެހެންކަމުން ގްރޫޕް ސްޓޭޖްގައި އެ ޓީމު ކުޅޭ އެންމެ ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން މޮޅުވުން ފިޔަވާ އެހެން ކޮންމެ ނަތީޖާއެއް ނުކުތަސް ޑެންމާކް ކަޓާނެއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ދާދި ހަމަހަމަކޮށް ބޯލް ޕޮޒިޝަން ހިފެހެއްޓިއިރު، ގޯލު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތައް ލިބުނީ ފްރާންސަށެވެ. މިގޮތުން ޑެމްބެލޭ ދިން ބޯޅަތަކުން އެމްބާޕޭ އާއި އޮލިވާ ޖިރޫ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވަރަށް ރަނގަޅު ފޯމެއްގައި ހުރި ޑެންމާކްގެ ގޯލްކީޕަރެވެ.
ދެ ވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅެމުންދިޔަ ފްރާންސުން ލީޑު ނެގީ މެޗުގެ 61 ވަނަ މިނިޓުގައެވެ. ތިއޯ ހެނާންޑޭޒް އާއި އެމްބާޕޭގެ އަން-ޓޫ އަކުން ހެނާންޑޭޒް ދިން ބޯޅައިން އެމްބާޕޭ ފޮނުވާލި ބާރު ބޯޅަ ސަލާމަތްކުރަން ޑެންމާކްގެ ކީޕަރަށް މާބޮޑުކަމެއް ނުކުރެވުނެވެ.
ފްރާންސްގެ ލަނޑަށްފަހު ޑެންމާކުން ކުރިޔަށް ޖެހުނުއިރު، އެމްބާޕޭ ލަނޑު ޖެހިތާ އެންމެ 6 މިނިޓުގެ ތެރޭގައި ޑެންމާކުން ވަނީ ނަތީޖާ ހަމަހަމަކޮށްލާފައެވެ. އެންޑާސަން ނަގައިދިން ކޯނަރަކުން މި ލަނޑު ޖެހީ ޑިފެންޑަރ ކްރިސްޓެންސަން އެވެ.
އޭގެ ފަހުން ވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ފްރާންސް މޮޅުވި ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ޖަހައިދިނީ އެމްބާޕޭ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 3 ވަނަ ލަނޑެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ފްރާންސް | ޑެންމާކް | |
| 2 | ލަނޑު | 1 |
| 42% | ބޯލް ޕޮޒިޝަން | 44% |
| 6 | ޝޮޓް އޮން ޓާގެޓް | 2 |
| 7 | ޝޮޓް އޮފް ޓާގެޓް | 6 |
| 500 (88%) | ޕާސްތައް (ކާމިޔާބު މިންވަރު) | 542 (89%) |
| 1 | ރީނދޫ ކާޑު | 2 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް