ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީ ގައި މިރޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން ޕޮލެންޑުން ސައޫދީ އަރަބިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.
މޮޅަށް ކުޅުނު ސައޫދީ އަރަބިއާ، ޕޮލެންޑުން ބަލިކުރިއިރު، މި މޮޅާއެކު އެ ޓީމަށް ވަނީ ދެ މެޗުން 4 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ގްރޫޕްގެ 1 ވަނައިގައި މި ވަގުތު އޮތީ ޕޮލެންޑެވެ.
މެޗު ފެށިގެން ސައޫދީ އަރަބިއާ އިން މޮޅަށް ކުޅެމުން ދިޔަ ނަމަވެސް، ފުރަތަމަ ހާފުގެ 40 ވަނަ މިނިޓުގައި ޕޮލެންޑުން ލީޑު ނެގިއެވެ. ޕޮލެންޑުން އުފެއްދި އަވަސް އެޓޭކެއްގައި، ލެވަންޑީސްކީ ދިން ބޯޅައިން މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ ޒިއެލިންސްކީއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްލަން ރަނުގެ ފުރުސަތެއް ލިބުނެވެ. އަލް-ޝެހްރީއަށް ބިއަލެކް ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ޕެނަލްޓީ ދިންއިރު، އަލް ދައުސަރީ ފޮނުވާލި ޕެނަލްޓީ ޕޮލެންޑްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ދެ ވަނަ ފަހަރަށް އަލް-ބްރެއިކް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ވެސް ހުރަހަކަށްވީ ޕޮލެންޑްގެ ގޯލްކީޕަރެވެ.
ދެ ވަނަ ހާފުގައި ވެސް ސައޫދީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް ގޯލާ އަމާޒު ނުވިއެވެ. އަދި ގޯލާ އަމާޒުވި ހަމަލާތައް ޕޮލެންޑްގެ ކީޕަރުވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މީގެ އިތުރުން ޕޮލެންޑުން ކައުންޓަރ އެޓޭކްގައި ވަރަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، 2 ބޯޅައެއް ދަނޑިއަށް ވެސް އަމާޒުވިއެވެ.
ސައޫދީ އަރަބިއާއިން ނަތީޖާ ހަމަހަމަކޮށްލަން ކުރި މަސައްކަތް މެޗުގެ ފަހު ވަގުތު ބޭކާރުވީ، އެ ޓީމުގެ ޑިފެންޑަރު މާލްކީއަށް ހެދުނު ބޮޑު ގޯހަކުންނެވެ. އޭނާއަށް ޓީމުގެ ކުޅުންތެރިޔަކު ޖައްސާލި ބޯޅަ، އެންމެ ފަހަތުގައި ހުރެ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނުއިރު، ލެވަންޑޯސްކީ ވަނީ އެ ބޯޅަ ހޯދާ ގޯލަށް ވައްދާލާފައެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ޕޮލެންޑް | ސައޫދީ | |
| 2 | ލަނޑު | 0 |
| 28% | ބޯލް ޕޮޒިޝަން | 52% |
| 3 | ޝޮޓް އޮން ޓާގެޓް | 3 |
| 5 | ޝޮޓް އޮފް ޓާގެޓް | 8 |
| 305 (80%) | ޕާސްތައް (ކާމިޔާބު މިންވަރު) | 563 (88%) |
| 3 | ރީނދޫ ކާޑު | 2 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް