ވޯލްޑް ކަޕް 2022: ޓިއުނީޝިއާ ބަލިކޮށް އޮސްޓްރޭލިއާ އުންމީދު އާކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގައި މިއަދު ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ޓިއުނީޝިއާ ބަލިކޮށް އޮސްޓްރޭލިއާ އިން ދެ ވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ. މި ނަތީޖާއާއެކު ކުޅުނު 2 މެޗުން ހޯދި 3 ޕޮއިން...

26 Nov 2022 | 12:17

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގައި މިއަދު ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ޓިއުނީޝިއާ ބަލިކޮށް އޮސްޓްރޭލިއާ އިން ދެ ވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

މި ނަތީޖާއާއެކު ކުޅުނު 2 މެޗުން ހޯދި 3 ޕޮއިންޓާއެކު އޮސްޓްރޭލިއާ އޮތީ ގްރޫޕްގެ 2 ވަނައިގައެވެ. އެހެންކަމުން މިރޭ ފްރާންސުން ޑެންމާކް ބަލިކޮށްފިނަމަ، ގްރޫޕްގެ ފަހު މެޗުގައި އޮސްޓްރޭލިއާއަށް ޑެންމާކް މެޗު އެއްވަރު ކޮށްލައިގެން ވެސް ދެ ވަނަ ބުރުން ޖާގަ ހޯދޭނެއެވެ.

މިއަދުގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި އޮސްޓްރޭލިއާއަށް ކާމިޔާބު ކޮށްދިނީ ޑޫކް އެވެ. ގުޑްވިން އޭރިޔާގެ ތެރެއަށް ނަގައިދިން ހުރަސް، ޓިއުނީޝިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ޑޫކްއަށް ލިބުމުން އޭނާ ގޯލުގެ ކަނާތް ފަރާތު ކަނަށް ބޯޅަ ފޮނުވާލީ ބޮލުންނެވެ.

ފުރަތަމަ ހާފުގައި ޓިއުނީޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްލަން ފުރުސަތު ލިބުނެވެ. މުހައްމަދު ޑްރެގާ ފޮނުވާލި ހަމަލާ ހެރީ ބްލޮކް ކުރިއިރު، ޔޫސުފް އެމްސަކްނީ ގޯލު ކައިރިން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފުގައި ވެސް ޓިއުނީޝިއާއިން ނަތީޖާ ހަމަހަމަކޮށްލަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، އޮސްޓްރޭލިއާގެ ދިފާއީ ފާރު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މެޗުގެ ތަފާސް ހިސާބުތައް:

ޓިއުނީޝިއާ އޮސްޓްރޭލިއާ
0 ލަނޑު 1
46% ބޯލް ޕޮޒިޝަން 38%
4 ޝޮޓް އޮން ޓާގެޓް 2
4 ޝޮޓް އޮފް ޓާގެޓް 2
538 (80%) ޕާސްތައް (ކާމިޔާބު މިންވަރު) 376 (72%)
3 ރީނދޫ ކާޑު 0
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް