ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި އިއްޔެ އިރާން ގައުމީ ޓީމު މެޗު ކުޅުނު ގަޑީގައި އެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި ކުރިމަތިލުމެއް ހިނގައިފި އެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކުރިމަތިލުން ހިނގީ އީރާން ސަރުކާރަށް ތާއިދު ކުރާ މީހުންނާއި ދެކޮޅު މީހުންގެ މެދުގައި އެެވެ. ދެކޮޅު މީހުންނަކީ މިހާރު އެ ގައުމުގައި ކުރިޔަށްދާ މަހްސާ އަމީނީގެ މުޒާހަރާތަކަށް ތާއީދު ކުރާ މީހުންނެވެ.
މަހްސާ އަމިނީ އަކީ ފެޝަން ބުރުގާ އަޅައިގެން އީރާންގެ ވެރިރަށް ތެހެރާމް މަގުމައްޗަށް ނުކުތުމުން ހައްޔަރު ކުރި22 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ފުލުހުން ހައްޔަރު ކުރިތާ ދެ ގަޑިއިރު ތެރޭގައި ޝޮކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. ދެކޮޅު މީހުން ތުހުމަތު ކުރާ ގޮތުގައި މަހްސާ މަރުވީ ފުލުހުންދިން އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
އިއްޔެގެ މެޗު ކުރިޔަށް ދިޔައިރު ދަނޑުތެރޭގައި އާއި ނިމުނު ފަހުން ވަނީ ކުރިމަތިލުން ހިނގާފައި އެވެ. ދެކޮޅު ސަޕޯޓަރުން ބުނީ ސަރުކާރަށް ތާއީދު ކުރާ މީހުން އެމީހުންނަށް ފުރައްސާރަކޮށް އެމީހުން ގެންގުޅުނު ދިދަތައް އަތުލި ކަމަށެވެ.
އީރާން ސަރުކާރާއި ދެކޮޅު މީހުން އިއްޔެގެ މެޗަށް ގޮސް ތިބީ ހަށިގަނޑުގެ އެކި ތަންތަނުގައި ކުރަހައި ސަރުކާރު ކުށްވެރިކުރާކަން ދޭހަކޮށްދޭގޮތަށެވެ.
ސަރުކާރާަށް ތާއީދު ކުރާ މީހުން ގޮވަމުން ދިޔައީ އެއީ "އިސްލާމިކް ރިޕަބްލިކް އޮފް އީރާން" ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސްޓޭޑިއަމުން ބޭރުގައިވެސް ބައެއް ކުރިމަތިލުން ހިނގި އެވެ. އެކަން ހުއްޓުވަން ޖެހުނީ ސްޓޭޑިއަމް ސެކިއުރިޓީންނަށް ކަމަށްވެ އެވެ.
މަހްސާ އަމީނާގެ މަރާ ގުޅިގެން އީރާންގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން މިހާރު ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. މި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި އެވެ.
އިއްޔެގެ މެޗުގައި އިރާނުން ވޭލްސް ބަލި ކުރީ 2-0 ން ނެވެ. މި މެޗުގައި މޮޅުވުމުން އީރާނު ޓީމު ކުޅުންތެރިން ވަނީ ގައުމީ ސަލާމް މަޑުމަޑުން ކިޔާފައި އެވެ. އެކަމަކު ފުރަތަމަ މެޗުގައި ގަައުމީ ސަލާމުގެ ގަޑީގައި ސަރުކާރާއި ދެކޮޅުކަން ހާމަ ކުރުމަށް ކުޅުންތެރިން ތިބީ ލަވަ ނުކިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް