ވޯލްޑް ކަޕް 2022: ޓިއުނީޝިއާ - އޮސްޓްރޭލިއާ މެޗު ޕްރިވިއު

ވޯލްޑް ކަޕް 2022 ގައި ގްރޫޕް ޑީ ގެ ދެވަނަ މެޗުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއެވެ. މިއީ މި ދެޓީމުން މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗެވެ. އ...

26 Nov 2022 | 05:01

ވޯލްޑް ކަޕް 2022 ގައި ގްރޫޕް ޑީ ގެ ދެވަނަ މެޗުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއެވެ. މިއީ މި ދެޓީމުން މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗެވެ.

އޮސްޓްރޭލިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން 4-1 އި އިން ބަލިވެފައިވާއިރު، ދެވަނަ ބުރަށް ދިއުމަށް ކުރިޔަށް އޮތް ދެމެޗުން ވެސް މޮޅުވުން މުހިންމުވެފައި ވާއިރު، މިއަދުގެ މެޗު ކާމިޔާބު ކުރުމަށް އެޓީމަށް މަޖުބޫރު ވާނެއެވެ. އެހެން ކަމުން މިއަދު މެޗުން އޮސްޓްރޭލިއާ އަށް ކުރި ނުހޯދިއްޖެ ނަމަ ދެވަނަ ބުރުގެ ފުރުސަތު އެޓީމަށް މުޅިންހެން ބަންދު ވެގެން ދާނެއެވެ. އެއާއި ޚިލާފަށް ޓިއުނީޝިއާ ކުޅުނު ފުރަތަމަ މެޗުން ބަލިނުވެ ޑެންމާކާއި އެއްވަރުވެފައި އޮތުމުން އެ ހިތްހަަމަ ޖެހުން ޓިއުނީސިއާއަށް އެބައޮތެވެ. ނަމަވެސް އެމީހުންނަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކުރުމަށް މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިންމުވާނެއެވެ.

އޮސްޓްރޭލިއާ އަދި ޓިއުނީސިއާ މިއަދުގެ ކުރިމަތިލުމަށް ނުކުންނައިރު، މިއީ މި ދެޓީމުގެ ތިންވަނަ ބައްދަލުވުމެވެ. މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ 1997 ވަނަ އަހަރު އެކުވެރި ކަމުގެ މެޗެއްގައެވެ. އެމެޗު 0-3 އިން ޓިއުނީސިއާ ކާމިޔާބު ކުރިއިރު، ދެން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2005 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕްގައެވެ. އެފަހަރު 0-2 އިން ޓިއުނީސިއާގެ މައްޗަށް ކާމިޔާބު ހޯދީ އޮސްޓްރޭލިއާއިންނެވެ. ނަމަވެސް މީގެ ކުރިން ވޯލްޑް ކަޕެއްގައި މި ދެޓީމު ބައްދަލުކޮށްފައެއް ނުވެއެވެ. މިއީ ޓިއުނީޝިއާ އާއި އޮސްޓްރޭލިއާ ވޯލްޑް ކަޕެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

މި ދެޓީމު ވެސް މިއަދުގެ މެޗަށް ކުރިމަތިލާއިރު، އެއްވެސް ޓީމެއްގައި އަނިޔާގެ މައްސަލައެއް ނެތެވެ. އެހެން ކަމުން ފުރަތަމަ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިން މިއަދުގެ މެޗުގައިވެސް ދެ ޓީމުން ވެސް ފެނިގެންދާނެކަމަށް ބެލެވެއެވެ.

ޓިއުނީސިއާ އަދި އޮސްޓްރޭލިއާ ބައްދަލުކުރާ މި މެޗު ކުޅޭނީ މިއަދު ރާއްޖޭ ގަޑިން މެންދުރު ފަހު 3:00 ގައެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ ގަތަރުގެ އަލް ވަކްރާ ސިޓީގެ އަލް ޖަނޫބް ސްޓޭޑިއަމުގައެވެ.

ޓިއުނީސިއާ ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ދަހުމެން، ބްރޮން، މެރިއާ، ތަލްބީ، ޑްރެގަރ، ޝްކިރީ، ލައިޑޫނީ، އަބްދީ، ޚަޒްރީ، ޖެބަލީ، އެމްސާކްނީ.

އޮސްޓްރޭލިއާ ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ރަޔަން، އެޓްކިންސަން، ސައުޓަރ، ރޯލްސް، ބެހިޗް؛ މޫއީ، ލެކީ، އިރްވައިން، މެކްގްރީ، ގުޑްވިން، ޑޫކް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް