ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް ބީގައި އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މި ދެޓީމު ރޭ ބައްދަލުކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، ދެޓީމުންވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، ރަނގަޅަށް ކުޅެފައިވަނީ އެމެރިކާ ޓީމުންނެވެ. އެގޮތުން އެޓީމުގެ ޕުލިސިޗް ފޮނުވާލި ބާރު ހަމަލާއެއް އިންގްލެންޑު ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ. އަދި މެކެނީ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ އިންގްލެންޑުގެ ކީޕަރު ޕިކްފޯޑެވެ.
އިންގްލެންޑުންވެސް މި ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި އެވެ. އެއް ހަމަލާ އެމެރިކާ ކީޕަރު ދިފާއު ކުރިއިރު އަނެއް ހަމަލާ ގޯލާއި އަމާޒު ނުވިއެވެ.
ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ އެމެރިކާއިންނެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓީމަށް ރަނގަޅު ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ. ހަމަ އެގޮތަށް އިންގްލެންޑަށް ވެސް މި ހާފުގައި ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނާގައި އިންގްލެންޑު އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް އީރާނަށް ތިން ޕޮއިންޓު ލިބޭއިރު ތިން ވަނާގައި އެމެރިކާ އޮތީ ދެޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. މި ގުރޫޕުގެ ކޮންމެ ޓީމަކަށް ވެސް އަދި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް