ޣައްޒާ ހާލަތު: 24 ގަޑިއިރު - 72 ފުރާނަ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެންމެ ދުވަހެއް ދޫކޮށްލުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިއްޔެއަކީވެސް ކަޅު ދުވަހެކެވެ. ބައިނަލްއަގްވާމީ ފަލަ...

26 Oct 2024 | 04:07

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެންމެ ދުވަހެއް ދޫކޮށްލުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިއްޔެއަކީވެސް ކަޅު ދުވަހެކެވެ.

ބައިނަލްއަގްވާމީ ފަލަ ސުރުހީތަކުގައި ކުރުކޮށް ބުނަނީ "24 ގަޑިއިރު – 72 ފުރާނަ" ކަމަށެވެ.

އެއީ ބުރާސްފަތި ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއަށް ހޭދަވި 24 ގަޑިއިރުގެ ހާލަތެވެ. ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފައިވަނީ ޚާން ޔޫނިސްގެ ދެކުނުގެ ސަރަހައްދުގެ އާންމު ގެތަކަށް ދިން ހަމަލާތަކުގައިވެސް 38 މީހަކު ޝަހީދުވެފައިވާކަމަށެވެ. އެ 38 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އެއީ ފާހަގަކޮށްލެވޭ އެއް ހަމަލާއެވެ. އެފަދަ އެތައް ހަމަލާއަކުން އިއްޔެގެ ރެކޯޑު ކުރެވުނު ޖުމްލަ އަދަދު 72 އަށް އަރައެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ އަނެއް ހިތާމަވެރި ހަބަރަކީ، އިރުމަތީ ޣައްޒާގެ އެއް ހޮސްޕިޓަލު ކަމުގައިވާ ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއިލު ފައުޖުތަކުން ވަދެގެންފައިވާ ޚަބަރެވެ. އެ ހޮސްޕިޓަލުގެ އެތެރެއިން ބައެއް ފަރާތްތަކުން ބައިނަލްއަގްވާމީ މީޑީއާއަށް ފޮނުވާފައިވާ ބައެއް ވޮއިސް ނޯޓުތަކުގައިވެސް ބުނަނީ އެތަން މިތަނަށް ބަޑިޖަހާއަޑު ކެނޑިގެން ނުދާކަމަށާއި އެތައް ފުރާނައެއްވެސް ދުއްވާލައިފި ކަމަށެވެ.

އެއީ އެ ސަރަހައްދުގައި ވަރަށް ހާލުން އެތައް ގޮންޖެހުންތަކަކާއެކު ހިންގަމުން އަންނަ ތިން ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

ދެން ފާހަގަކޮށްލެވޭ އަނެއް ހަބަރަކީ ސުލްހައިގެ މަޝްވަރާތައް ފަށާފާނެކަމުގެ ހަބަރެވެ. އެގޮތުން ހަމާސްގެ އޮފިސަލަކު އިއްޔެ ރޮއިޓާސް އަށް މައުލޫމާތުދެމުން ބުނެފައިވަނީ ހަމާސް ޖަމާއަތުގެ ޗީފް ނެގޯޝިއޭޓަރ، ޚަލީލް އަލް ހައްޔާ ހިމެނޭހެން ހަމާސްގެ ވަފްދެއް މިސްރުގެ ގާހިރާއަށް ގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެމެރިކާ އަދި އިސްރޭލުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ގާހިރާއަށް ދާނެ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އޯގަސްޓް މަހުން ފެށިގެން މިފަދަ މަޝްވަރާތަކެއް ދޭތެރެދޭތެރެއިން ކުރެވެމުންދިޔަނަމަވެސް ހަނގުރާމަ މެދުކަނޑާލާވަރުގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އިސްވެ ކުޅެނީ ގަތަރާއި މިސްރުންނެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް ވަނީ 43 ހާސް ހުރަސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް