އީރާނަށް ހަމަލާދީ ނިމިއްޖެކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނެފިއެވެ.
ހަގާރީ އާއްމުކުރި މެސެޖެއްގައި ބުނެފައިވަނީ އިސްރާއީލުން ދޭންފެށި ހަމަލާތައް މިހާހަމައިން ނިންމާލީކަން ކަށަވަރުކޮށްދޭކަމަށާއި އެ ހަމަލާތައް ދިނީ ސީދާ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ކަމަށެވެ.
"އީރާނުން ރައްދު ހަމަލާއެއް ދީފިނަމަ އަހަރެމެންވެސް ރައްދު ހަމަލާ ދޭނަން، އަހަރެމެން މިތިބީ ޑިފެންސަށްވެސް އަދި އިސްވެ ހަމަލާދޭންވެސް ތައްޔާރަށް" ވީޑިއޯ މެސެޖެއްގައި ހަގާރީ ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން އީރާނަށް ހަމަލާ ދިނީ ދެބުރެއްގެ މަތިންނެވެ. އެގޮތުން ފުރަތަމަ ހަމަލާ އީރާނު ގަޑިން ދަންވަރު ދޭއްޖަހާ އެހައިކަންހާއިރު (ރާއްޖެގަޑިން ފަހެއްޖަހާ އެހައިކަންހާއިރު) ދީފައިވާއިރު ދެވަނަ ހަމަލާ ދީފައިވަނީ އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.
އީރާނުން ރަސްމީ ސިފައެއްގައި އަދި މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވިނަމަވެސް އީރާނުގެ ތަސްނީމް ޓީވީން ދިޔައީ ބައެއް މައުލޫމާތު ގެނެސްދެމުންނެވެ. އެގޮތުން އެންމެ ފަހުން ހާމަކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު އީރާނުގެ ވެރިރަށް ތެހެރާނުން އިވުނު އަޑުތަކަކީ އިސްރާއީލުން ފޮނުވަމުން އަންނަ ހަމަލާތައް ދިފާއު ކުރާ އަޑުތައް ކަމަށް ބުނެފައިވެއެވެ.
މި ހަމަލާތަކާއި ގުޅިގެން އިސްރާއީލާއި އީރާނާއި އިރާގުގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.
އިސްރާއީލުން ދިނީ ކިތައް ހަމަލާކަމެއް، ހަމަލާ ދޭން ބޭނުންކުރީ ކޮންކޮން ބާވަތެއްގެ ހަތިޔާރެއްކަމެއް އަދި ސާފެއް ނޫނެވެ. އެހެންނަމަވެސް އިރު އެރުމާއެކު އާންމު އެހެން ދުވަހެކޭ އެއްފަދައިން އީރާނުގެ ރައްޔިތުން ހޭލަމޭލަވެ ވަޒީފާތަކަށް ދިއުމާއި އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް