ފަލަސްތީނަށް އެހީވުމަށްޓަކައި ފަންޑް ރައިޒިންގް ހަރަކާތްތަކެއް ކުރިއަށް ގެންދަން ދިވެހި ފިލްމީ ދާއިރާގެ ފަންނާނުން ނިންމައިފިއެވެ.
މި ހަރަކާތްތަކާ ގުޅޭގޮތުން ދުވަހަށް މައުލޫމާތު ދެމުން ޔޫސުޕް ޝަފީއު (ޔޫއްޕެ) ބުނީ، ކުރިއަށް އޮތް ހަފްތާގައި ބޮޑު ތިން ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ފަންނާނުންގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ‘ފިލްމް ފެސްޓިވަލް’ އަކާއި މަސް ރޭހެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެކެވެ. ކުޑަކުދިންގެ ހަވީރު މާދަމާ ބޭއްވުމަށް ތާވަލް ކުރި ނަމަވެސް މާދަމާއަށް އާޓިޗިޝަލް ބީޗް ނުލިބުމުން، އެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ ނޮވެމްބަރު ތިނެއް ވާ ހުކުރު ދުވަހުއެވެ.
ޔޫއްޕެ ބުނި ގޮތުގައި، ފަންޑް ރައިޒް ކުރުމަށްޓަކައި އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހަށް ބަލާލައިގެން އޮލިމްޕަހުގައި ނުވަ ފިލްމެއް އަޅުވާނެއެވެ. އެއީ ހަވީރު އެއް ފިލްމު އަދި ރޭގަނޑު ދެ ފިލްމެވެ. ފިލްމުތަކުގެ ޓިކެޓް ވިއްކާ އެންމެ ކުޑަ އަގަކީ 100 ރުފިޔާ ކަމަށް ޔޫއްޕެ ބުންޏެވެ. ނަމަވެސް އެމީހަކު ބޭނުން ނަމަ ބޭނުން އަގެއް ދިނުމަށްފަހު ޓިކެޓް ނެގޭނެ ކަމަށް ޔޫއްޕެ ފާހަގަ ކުރިއެވެ.
ފަންނާނުން އިންތިޒާމު ކުރާ މަސްރޭސް އޮންނާނީ ނޮވެމްބަރު ތިނެއް ވާ ހުކުރު ދުވަހުއެވެ. ޔޫއްޕެ ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް ވަގުތެއްގައި މި މަސްރޭސް ކުރިއަށް ގެންދަން ރާވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލާ ގުޅިގެން އެ ރަށެއްގައި މަސްރޭސް ބާއްވަން މަސައްކަތް ކުރަމުން ދާއިރު، އެރަށެއްގައި ބާއްވާ މަސްރޭހުން ބޭނޭ މަސް ވިއްކައިގެން ލިބޭ ފައިސާ، ކައުންސިލް މެދުވެރިކޮށް ލިބޭނެ ގޮތް ހަދާނެ ކަމަށް ޔޫއްޕެ ބުންޏެވެ.
ޔޫއްޕެ ބުނީ ހަރަކާތްތައް އިންތިޒާމު ކުރަނީ އެކި ފަންނާނުން އެކި ހަރަދުތައް ކޮށްގެން ކަމަށެވެ. ނަމަވެސް ހަރަކާތްތަކުން ލިބޭ އެއްވެސް ފައިސާއެއް އެއްވެސް އިތުރު ކަމަކަށް ނުނަގާނެ ކަމަށާއި، ހުރިހާ ފައިސާއެއް ފޮނުވާނީ ފަލަސްތީނަށް އެހީވާ ފަންޑަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް