އިޒްރޭލުން ހަމާސް އާއި ދެކޮޅަށް އިއުލާނުކޮށް ފުލް ސްކޭލުގައި ހިންގަމުން އަންނަ ހަނގުރާމައާއި ގުޅޭގޮތުން އދ ގެ ސަލާމަތީ މަޖިލީހަށް އެމެރިކާ އަދި ރަޝިޔާއިން ހުށަހެޅި ހުށަހެޅުންވެސް ކޮޅެއްގައި ނުޖެހި ފެއިލްވެއްޖެއެވެ.
އެގޮތުން ރަޝިޔާއިން ހުށަހަޅާފައި އޮތީ ހަނގުރާމަ މެދުކަނޑާލުމަށެވެ. އެމެރިކާއިން ހުށަހަޅާފައި އޮތީ އިންސާނީ އެހީ އަށް ފުރުސަތު ދިނުމަށެވެ.
މި ދެ ހުށަހެޅުމުގެ ތެރެއިން އެމެރިކާގެ ހުށަހެޅުމަށް ފާސްވާވަރަށް ވޯޓު ލިބުނެވެ. އެހެން ނަމަވެސް އެ ހުށަހެޅުން ފެއިލްވީ ޗައިނާ އަދި ރަޝިޔާއިން ވީޓޯ ބާރު ބޭނުން ކުރުމުންނެވެ.
ރަޝިޔާގެ ހުށަހެޅުން ފެއިލްވީ ފާސްވާން ބޭނުންވާވަރަށް ވޯޓުވެސް ނުލިބިއެވެ. އެގޮތުން އެ ހުށަހެޅުމަށް ވޯޓު ދިނީ ޗައިނާ، ގަބޯން އަދި ރަޝިޔާގެ އިތުރުން އެކުވެރި އަރަބި އިމާރާތެވެ. އެމެރިކާ އަދި އިނގިރޭސިވިލާތުން ރަޝިޔާގެ އެ ހުށަހެޅުމާއި ދެކޮޅަށް ވޯޓު ދިންއިރު އަލްބޭނިއާ، ބްރެޒިލް، އެކުއެޑޯ، ފްރާންސް، ގާނާ، ޖަޕާން، މަލްޓާ، މޮޒަންބީކް އަދި ސްވިޒަލޭންޑުން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
އިޒްރޭލު-ޣައްޒާ މަސްރަހުގައި އދގެ ސަލާމަތީ މަޖިލީހުގައި މިހާތަނަށް މިފަދަ ތިން ހަތަރު ހުށަހެޅުމެއް މީގެ ކުރިންވެސް ހުށަހެޅި ފެއިލްވެގެން ގޮސްފިއެވެ. އެގޮތުން އެންމެ ފަހުން ރަޝިޔާއިން ހުށަހެޅި ހުށަހެޅުންވެސް ފެއިލްވެގެންދިޔައީ އެމެރިކާއިން ވީޓޯ ބާރު ބޭނުން ކުރުމުންނެވެ. ހަނގުރާމަ ހުއްޓާލަން ގޮވާލައި ރަޝިޔާއިން ހުށަހެޅި އެ ހުށަހެޅުމާ ދެކޮޅަށް އެމެރިކާއިން ވީޓޯ ބާރު ބޭނުންކުރީ ގައުމު ދިފާއު ކުރުމުގެ ހައްގު އިޒްރޭލަށް އޮންނަންވާނެކަމަށް އެ ހުށަހެޅުމުގައި ނެތުމުން ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.
އދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު އޮންނަނީ އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިޔާ އަދި އިނގިރޭސިވިލާތަށެވެ. އެ މަޖިލީހަށް ހުށަހެޅުމެއް ހުށަހެޅި ފާސްވާވަރަށް ވޯޓު ލިބުނަސް އެއިން ގައުމަކުން އެ ހުށަހެޅުމެއް ވީޓޯ ކޮށްފިނަމަ އެ ހުށަހެޅުމެއް ފާހެއް ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް