އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 6،700 އަށްވުރެ ގިނަ ފުރާނަ ގެއްލިފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ބުނުން ގަބޫލު ނުކުރެވޭކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފިއެވެ.
ބައިޑަން މިހެން ބުނެފައިވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އާއެކު ވޮޝިންޓަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެހެން އަދަދެއް އަދި އެހެން ތިއަރީއަކާނުލާ ބައިޑަން ބުނެފައިވަނީ ޣައްޒާއިން އެ ބުނާ އަދަދަކީ ސުވާލު އުފެދޭ އަދަދެއް ކަމަށެވެ.
ބައިޑަން މިހެން ބުނެފައިވާއިރު އެކަމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އިން މިހާރު ވަނީ ރައްދު ދީފައެވެ. އެގޮތުން ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވަނީ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ އަދަދަކީ އެ އަދަކަށް ބުރަވެވޭ ސައްހަ އަދަދެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
އިޒްރޭލަށް ތާއީދުކޮށް އިޒްރޭލުގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބައިޑަން ހިތްވަރުދެމުން އަންނައިރު މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނީ ކޮންމެ ދުވަހަކު ކޮންމެ ރެއަކު ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު އެ ދަނީ ޝަހީދުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް