ޗާގޮސް މައްސަލައިގަ ރައީސްގެ ފުރަތަމަ ރައްދު، ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަ

ހޫނުވެފައި އޮތް ޗާގޮސް މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވައިފި އެވެ. މިރޭ އޮތް ރާއްޖެ އިސްލާމްވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދ...

26 Oct 2022 | 18:31

ހޫނުވެފައި އޮތް ޗާގޮސް މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވައިފި އެވެ.

މިރޭ އޮތް ރާއްޖެ އިސްލާމްވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއް ކަމަށެވެ.

އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާ ނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިދިކޮޅާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މި މައްސަލައިގަ މޮރިޝަސް ކޮޅަށް އެރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް