މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދު ހައްޔަރު ކުރިތާ24 ގަޑިއިރު ނުވަނީސް ދޫކޮށްލައިފި އެވެ.
ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އަރުޝަދަކީ މާލޭގެ ހަ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ނުވަ ކިލޯގެ ޑްރަގް ހޯދި މައްސަލައެއްގައި ދައުވާ ސާބިތުނުވުމުގެ ސަބަބުން މިނިވަންވެފައި ހުރި މީހެކެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި އެތެެރެކުރުމުގައި އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތު ފުލުހުން އޭނާއަށް ކުރި ނަމަވެސް އަރުޝަދު ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައި އެވެ.
އޭނާ ސްރީލަންކާގައި ފިލައިގެން އުޅުމަށް ފަހު ޔޫއޭއީއަށް ދިއުމުން ދުބާއީ އޭނާ ލަންކާއަށް ޑީޕޯޓު ކޮށްލީއެވެ. އޭނާ ރާއްޖެ އަންނަން ޖެހުނީ ލަންކާއިންވެސް ޑީޕޯޓުކޮށްލުމުންނެވެ.
އޭނާ އިއްޔެ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އޭނާ ދޫކޮށްލީ ބަންދުގައި ބެހެއްޓޭ ވަަރަށް ހެއްކާއި ގަރީނާ ނެތިގެން ކަމަށެވެ. އޭނާ ދޫކޮށްލީ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށްވެސް ހާޒިރު ނުކޮށެވެ.
އަރުޝަދުގެ މައްސަލައިގަ މުއައްސަސާތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފައި އެވެ. އެއީ އޭނާ ރާއްޖެ އައި އިރުވެސް ހައްޔަރު ކުރުމަށް ހައި ކޯޓުގެ އަމުރެއް އޮތް ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ހަމަ އެ ދުވަހު ދޫކޮށްލާފައިވާތީ އެވެ.
ފުލުހުން އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިސް (ޕީޖީ) އިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް