ވެކްސިން ނުޖަހާ މީހުންގެ ގައިން ކޯވިޑް ބަލި ފެތުރިފައިވާ ކަމުގެ އެއްވެސް ހެއްކެތް ހޯދިފައި ނުވާކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
އެ ކޯޓުން މިހެން ބުނެފައިވަނީ ކޯވިޑް ވެކްސިން ނުޖަހައިގެން ވަޒީފާއިން ވަކި ކުރި ގިނަ އަދަދެއްގެ މީހުންގެ ދިފާއުގައި އެ ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު ނެރުނު ހުކުމުގައި އެވެ. އެ މައްސަލަ ކޯޓަށް ވެއްދީ އެމެރިކާގެ ނިއުޔޯކްގެ ޔުނިފޯމްޑް ފަޔާ ފައިޓާސް އެސޯސިއޭޝަނުންނެވެ.
އެމައްސަލަ ބެލުމަށް ފަހު އެ ކޯޓުން ވަނީ ވެކްސިން ނުޖަހައިގެން ނިއުޔޯކްގައި ވަޒީފާއިން ވަކި ކުރި އެންމެންނަން ވަޒީފާ އާއި އެކު ވޭތުވެދިޔަ މުއްދަތުގެ މުސާރަ ދިނުމަށް އަމުރު ކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި 1،400 އަށްވުރެ މީހުން ނިއުޔޯކްގައި ކޯވިޑް ވެކްސިން ނުޖަހައިގެން ވަޒީފާއިން ވަކިކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވެކްސިން ނުޖަހައިގެން ބަލި ފެތުރިފައި ނުވާއިރު ވެކްސިން ޖަހައިގެން ބަލި ނުޖެހޭކަން ސައިންސުން އަދި ދިރާސާއަކުން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ކޯޓުން މިގޮތަށް ހުކުމް ކުރުމުން ނިއުޔޯކް ސަރުކާރުން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ. އެއީ ކޯޓަށް މި މައްސަލަ ވެއްދުމުން އެ ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވެފައިވަނީ ވެކްސިން ނުޖަހައިގެން ވަޒީފާ ގެއްލުނު މީހުންނަށް އަނބުރާ ވަޒީފާ ނުދެވޭނެ ކަމަށާއި އަދި ހޯދައިދޭން މަސައްކަތް ނުކޮށްދެވޭނެ ކަމަށެވެ.
އެމީހުންގެ ވަޒީފާ ގެއްލުނީ ނިއުޔޯކްގައި ވެކްސިން ޖަހަން މަޖުބޫރުކޮށް އަމަލު ކުރަން ފެށި ގަވައިދަކާއި ގުޅިގެންނެވެ. އެއީ ނިއުޔޯކްގެ ކުރީގެ މޭޔަރު ބިލް ޑީ ބްލާސިއޯގެ ވެރިކަމުގައި މިއަހަރުގެ ކުރީކޮޅުއެވެ.
ވަޒީފާ ގެއްލުން މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ފަޔާފައިޓަރުންނާއި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާ އެތްލީޓުންނާއި ހުށަހެޅުންތެރިން ހިމެނެ އެވެ. އެމީހުން ވެކްސިން ނުޖެހީ ދިމާވެދާނެ ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް ކަމަށްބުނެ އެވެ.
ކޯވިޑްގެ ހާލަތާއި ގުޅިގެން އެމެރިކާގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ކޯވިޑް ވެކްސިން މަޖުބޫރު ކުރި އެވެ. އަދި ދަތުރުފަތުރަށްވެސް އެ ވެކްސިން ނުޖަހާނަމަ ހުރަސް އެޅުނެވެ.
ހާއްސަކޮށް އެމެރިކާގައި އަދިވެސް ވެކްސިން އާއި މާސްކު މަޖުބޫރުކޮށްފައި އޮތް އޮތުމަށް އެގައުމުގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ކުރިޔަށްދާނީ ސިއްހީ މާހިރުންގެ ލަފާއާއި އެއްގޮތަށް ކަމަށްބުނެފައި އެވެ.
އެމެރިކާގެ ސިއްހީ މާހިރުން ލަފާދޭގޮތުގައި އަދި ކޯވިޑް ނިމެން ގާތް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް