ކޯޓަށް ހާޒިރު ނުކޮށް އަރުޝަދު ދޫކޮށްލައިފި

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ. އިއްޔެ ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ހައްޔަރުކޮށްފައިވާ...

26 Oct 2022 | 14:06

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

އިއްޔެ ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ހައްޔަރުކޮށްފައިވާކަމަށެވެ.

މިއަދު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަރުޝަދު މިހާރު ދޫކޮށްލާފައިވާކަމަށެވެ. ކޯޓަށް ހާޒިރު ނުކުރާކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އަރުޝަދަކީ މާލޭގެ ހަ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ނުވަ ކިލޯގެ ޑްރަގް ހޯދި މައްސަލައެއްގައި ދައުވާ ސާބިތުނުވުމުގެ ސަބަބުން މިނިވަންވެފައި ހުރި މީހެކެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި އެތެެރެކުރުމުގައި އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތު ފުލުހުން އޭނާއަށް ކުރި ނަމަވެސް އަރުޝަދު ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައި އެވެ.

އޭނާ ސްރީލަންކާގައި ފިލައިގެން އުޅުމަށް ފަހު ޔޫއޭއީއަށް ދިއުމުން ދުބާއީ އޭނާ ލަންކާއަށް ޑީޕޯޓު ކޮށްލީއެވެ. އޭނާ ރާއްޖެ އަންނަން ޖެހުނީ ލަންކާއިންވެސް ޑީޕޯޓުކޮށްލުމުންނެވެ.

އަރުޝަދުގެ މައްސަލައިގަ މުއައްސަސާތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފައި އެވެ. އެއީ އޭނާ ރާއްޖެ އައި އިރުވެސް ހައްޔަރު ކުރުމަށް ހައި ކޯޓުގެ އަމުރެއް އޮތް ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ހަމަ އެ ދުވަހު ދޫކޮށްލާފައިވާތީ އެވެ.

ފުލުހުން އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިސް (ޕީޖީ) އިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް