ވާވޮށި ޓާރޓަލް ފެސްޓިވަލް ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ 'ވާވޮށި ޓާރޓަލް ފެސްޓިވަލް 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ. ބައިންލައަޤްވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮ...

26 Oct 2022 | 12:06

ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ 'ވާވޮށި ޓާރޓަލް ފެސްޓިވަލް 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ބައިންލައަޤްވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރުގައިއެވެ. ފެސްޓިވަލް ކުރިއަށްދާނީ ނ.ޅޮހި، ރ.ފައިނު، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ހުރާ، ކ.މާފުށި، ވ.ކެޔޮދޫ އަދި ސ.ފޭދޫ، މި 9 ރަށުގައި އެއްފަހަރާ އެވެ.

'ވާވޮށި ޓާރޓްލް ފެސްޓިވަލް' ކުރިއަށްދާނީ މި ރަށްރަށުގެ ސްކޫލްތަކާ ގުޅިގެން ނެވެ. މިގޮތުން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ކުދިންނަށް ފެސްޓިވަލް ގައި ބައިވެރިވެވޭނެ އެވެ.

މި ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ފެސްޓިވަލް ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެ އެވެ. އަދި 'ވާވޮށި ފެސްޓިވަލް ރެލީ' ގެ ނަމުގައި ބައްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖެއް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މިފެސްޓިވަލްއާއި ގުޅުވައިގެންވަނީ މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއްވެސް ހުޅުވާލާފަ އެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުވެސްމެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް