ކުރީގެ މަޝްހޫރު ކިކްބޮކްސަރ އެންޑްރޫ ޓޭޓް އިސްލާމް ވެއްޖެއެވެ.
ޗިކާގޯއަށް އުފަން ލިއުޓޯންގައި ދިރިއުޅެމުން ދިޔަ އެންޑްރޫ އަކީ މީސްމީޑިއާގައި ކުރިން މަޝްހޫރު އިންފްލުއެންސަރ އެއްވެސް މެއެވެ. ނަމަވެސް އަންހެނުންނާ ބެހޭގޮތުން ނުރުހުމުގެ ބަސްތައް ބުނަމުން ދިޔުމުގެ ސަބަބުން މިއަހަރު ކުރީކޮޅު މީސްމީޑިއާގެ ހުރިހާ މަންސަތަކަކުން އޭނާ ވަނީ ބޭން ކޮށްފައެވެ.
އެންޑްރޫގެ އެއިރުގެ ވާހަކަތަށް ހުރިގޮތުން، އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ ވެސް އަޑުތައް ފެތުރެމުން ދިޔައެވެ.
އެންޑްރޫ ޓޭޓް އިސްލާމް ވެއްޖެކަން މުޅި ދުނިޔެއަށް ހާމަވެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ޔޫއޭއީގެ މިސްކިތެއްގައި އޭނާ ނަމާދު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ޓްވިޓާގައި އާންމުވިފަހުންނެވެ. އެއީ އޭނާ އިސްލާމްވުމަށްފަހު މިސްކިތެއްގައި އެންމެ ފުރަތަމަ ނަމާދު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއްކަން އޭނާއާއެކު އެ ވީޑިއޯއިން ފެންނަ ޓޭމް ޚާން ވަނީ ބުނެފައެވެ.
ޣާފިލުކަން ދޫކޮށް އިސްލާމްވުމުން ގިނަ ބަޔަކު އެންޑްރޫއަށް މަރުހަބާ ކީ ނަމަވެސް، ބައެއް މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭގެ ތެރޭގައި ބައެއް މުސްލިމު އަންހެނުން ވެސް ހިމެނެއެވެ.
އެގޮތުން ބައެއް މީހުން ބުނެފައިވަނީ ނަމާދު ކުރާ މަންޒަރު ވީޑިއޯ ކޮށްފައި މީސް މީޑިއާގައި އެ ވީޑިއޯ ހިއްސާ ކުރީ ސަމާލުކަން ހޯދުމަށް ކަމަށާއި އެންޑްރޫ ކަހަލަ މީހަކަށް ތައުރީފުގެ ބަސްތައް ލިބުން ޙައްޤު ނުވާ ކަމަށެވެ. މުސްލިމު ބައެއް އަންހެނުން ބުނެފައިވަނީ އަންހެނަކު އިސްލާމްވުމުން ގިނަ މުސްލިމުން އެންމެ ބޮޑަށް ފާޑުކިޔައި ފުރައްސާރަ ކުރަނީ ދީނުގައި އަންގަވާފައިވާ ގޮތަށް ހިޖާބު ނާޅައިގެން ކަމަށާއި ނަމަވެސް އެންޑްރޫ ކަހަލަ، އަންހެނުންނަށް ފުރައްސާރަ ކުރި މީހަކު އިސްލާމްވުމުން ގިނަ މުސްލިމުން އޭނާއަށް ސަނާ ކިޔަމުންދާ ކަމަށެވެ.
ވީޑިއޯއަށް ލިބެމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން އެ ވީޑިއޯއިން ފެންނަ ޓޭމް އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ، ވީޑިއޯ ކުރީ އެންޑްރޫއަށް ނޭންގި ކަމަށާއި ނަމާދު ކުރާތަން ވީޑިއޯ ކުރަން އެންޑްރޫ ނުބުނާ ކަމަށެވެ. އަދި ނަމާދު ކުރުމަށްފަހު ދެމީހުން ވާހަކަ ދައްކާލަން އިރުކޮޅަކު ތިބި ކަމަށާއި ކުރިން އުޅުނު ގޮތާމެދު ލަދުވެތިވެ، ފުރިހަމަ ރަނގަޅު މުސްލިމެއްގެ ގޮތުގައި ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރަން ބޭނުންވާ ކަމަށް އެންޑްރޫ ބުނި ކަމަށް ވެސް ޓޭމް ބުނެފައިވެއެވެ.
ޓޭމް ބުނިގޮތުގައި އެންޑްރޫ އަކީ މިހާރު ވަރަށް ހެޔޮލަފާ މީހެކެވެ.
މީސް މީޑިއާގައި މިހާރު ގެންގުޅޭ އެހެން އެކައުންޓެއްގައި އެންޑްރޫ ވަނީ ނަސާރާ ދީން ދޫކޮށް އިސްލާމް ދީން ޤަބޫލުކުރި ސަބަބު ބަޔާން ކޮށްދީފައެވެ.
"ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްގު ތެދެވެ. އަދި އީމާން ނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ." (30:60)
މި އާޔަތް ހިއްސާ ކުރަމުން އެންޑްރޫ ބުނީ އިސްލާމް ދީނަކީ އަޅުކަން ކުރަން އެންމެ ޙައްޤު ވެގެންވާ ދީން ކަމަށް މިހާރު އޭނާ ހިތުގެ އަޑިން ޤަބޫލު ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް