ސަރުކާޜުގެ ތިން މިނިސްޓްރީއެއްގެ ހިންގުން ހުޅުމާލެއަށް ބަދަލު ކުރަން ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީތައް ހިންގާނީ ހުޅުމާލޭގައި މިހާރު އިމާރާތްކޮށް ނިމިފައިވާ ސަރުކާރު އޮފީސް އިމާރާތުގައި ކަމަށެވެ. އެ އިމާރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް2019 ވަނަ އަހަރު އިމާރާތް ކުރަންފެށީ ތަނެކެވެ.
އެ އިމާރާތް ހަދަން ނިންމީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއް ކޮށްގެން، އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފައިގެން އުޅެން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށެވެ.
ހުޅުމާލޭގައި ހަދާފައިވަނީ ހަ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި ޖެންޑާ މިނިސްޓްރީ ހިންގުމަށް ހަމަޖެހިފައިވަނީ ދެވަނަ ފަންގިފިލާގައި އެވެ. ތިން ވަނަ ފަންގިފިލާގައި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފަސް ވަނަ ފަންގިފިލާގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އެވެ.
ހަތަރު ވަނަ ފަންގިފިލާގައި ހިންގުމަށް ހަމަޖެހިފައިވަނީ އެމެރިކާ އެމްބަސީ އެވެ. ހަ ވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަސްއަށެވެ. މީގެ އިތުރުން އެންމެ ތިރީ އަދި އެއް ވަނަ ފަންގިފިލާއަކީ ޕާކިން ޒޯނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓެވެ. މި އިމާރާތުގައި އަށް ލިފްޓް ހަރުކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ބޮޑުވީ ހުރަވީ ބިލްޑިން ބޭނުން ނުކުރެވި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އިންޖީނިއަރުން ލަފާދިނުމުން އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް