ޔޮހާނީއާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް 999 ރުފިޔާއަށް ޓިކެޓު ވިއްކަނީ!

ސްރީލަންކާ އާއި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ރާއްޖެއަށް ކުރާ ދަތުރުގައި އޭނާ އާއި ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކަށް 999 ރުފިޔާއަށް ޓިކެޓު ވިއްކަން ފަށައިފި އެވެ. އޭނާ...

26 Oct 2022 | 07:27

ސްރީލަންކާ އާއި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ރާއްޖެއަށް ކުރާ ދަތުރުގައި އޭނާ އާއި ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކަށް 999 ރުފިޔާއަށް ޓިކެޓު ވިއްކަން ފަށައިފި އެވެ.

އޭނާ ރާއްޖެ ގެންނަނީ ބައިސްކޯފުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޗަނާޗާ 2022” ގައި ޕާފޯމް ކުރާށެވެ. މި ޝޯ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު ހުޅުމާލޭ ޓްރެކް ދަނޑުގައި އެވެ.

ބައިސްކޯފުން ބުނެފައިވާގޮތުގައި ވިއައިޕީ ޓިކެޓު ގަންނަ ފަރާތްތަކަށް ޔޮހާނީ އާއި ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި "ޗަނާޗާ 2022" އަށް ހާއްސަ ޓީޝާޓެއް މި ޓިކެޓު ގަންނަ މީހުންނަށް ދޭއިރު ވީއައިޕީ ޓިކެޓުގެ ގޮތުގައި ވިއްކަން ހަމަޖެހިފައިވަނީ ލިމިޓެޑް ޓިކެޓުތަކެވެކެވެ.

ބައިސްކޯފުން ބުނެފައިވާގޮތުގައި ކުރިން ޓިކެޓު ގަނެފައިވާ މީހުންނަށް ވެސް ވީއައިޕީ ޓިކެޓަކަށް ބަދަލުކުރަން ބޭނުންނަމަ އެ ފުރުސަތު އޮންނާނެ އެވެ.

އެ ދުވަހުގެ ހަވީރު ޝޯއަށް ވަނުމުގެ ފުރުސަތު އޮންނާނީ ހިލޭ އެވެ. ޔޮހާނީ ބައިވެރިވާ ރޭގަނޑުގެ ޝޯގެ އާންމު ޓިކެޓުގެ އަގަކީ 150 ރުފިޔާ އެވެ. އެ ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

މި ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ލަވަ ކުޅޭއިރު، ރާއްޖޭގެ އެހެން މިއުޒިޝަނުން ވެސް ބައިވެރިވާނެއެވެ. އެގޮތުން ޝޯގައި ކުޅެން ހަމަ ޖެހިފައިވާ ބޭންޑު ތަކަކީ ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރިއެވެ.

މި ޝޯ އެންމެ ޚާއްސަ ވަނީ، ރާއްޖޭގެ ގިނަ އަދަދެއްގެ މިއުޒިޝްނުންނާއި ބޭންޑުން ލަވަކުޅޭތީއެވެ. އެގޮތުން މި ޝޯގައި، ރާއްޖޭގެ 80އަށްވުރެ ގިނަ އާޓިސްޓުން ޕާފޯމް ކުރާނެއެވެ.

މި ޝޯ ފުރަތަމަ ބާއްވަން ހަމަޖެއްސީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެއް ދުވަސް ލަސް ކުރަން ޖެހުނީ 28 ވަނަ ދުވަހުގެ ރޭ ދީނީ އިލްމުވެރިޔާ މުފްތީ މެންކުގެ ދީނީ ދަރުސްއެއް އޮންނާތީ އެވެ.

ޔޮހާނީ ދުނިޔޭގައި މަޝްހޫރުވީ އޭނާގެ ލަވަ “މަނިކޭ މަގޭ ހިތޭ” އާއި އެކު އެވެ. އެ ލަވަ ގިނަ ބަސްތަކަކުން ނެރެފައިވާއިރު އެންމެ ފަހުން ނެރުނީ ހިންދީ ބަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް