އަޑިފެންނަށް ނެތް ސިއްރު ކަންތަކެއް ސަރުކާރުން ކުރަމުންދާކަމުގެ ޝައްކުތައް އިތުރުވެއްޖެ ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާގެ ފޭސްބުކް ގައި "ވަތަން" ގެ ނަމުގައި ލިޔުއްވަމުން ގެންދަވާ ޝުއޫރުގައި ވިދާޅުވީ ސަރުކާރު ހިންގާ ކޯލީޝަން ޕާރޓީގެ ލީޑަރުންނަށް ރައްޔިތުންގެ އިތުބާރުގެއްލިއްޖެ ކަމަށާއި ދެންއޮތީ ރައްޔިތުންގެ ހައްގުގައި ޤައުމު ހިންގޭނެ ޤާބިލްބަޔަކަށް ސަރުކާރު ހަވާލުކުރުން ކަމަށެވެ.
މީގެ އިތުރުން އަވަހަށް އިސްތިއުފާދިނުމަށާއި ރައްޔިތުން ބޭނުންވާ އެތައް ސުވާލެއް އެބައޮތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ރައީސްގެ ސިއްރު ސިޓީގެ ޙަޤީޤަތް ހާމަކުރުމަށާއި ހަމަ މާބޮޑުތަނުން ފެއިލްވެ އިތުބާރުގެއްލިއްޖެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މިއަދު ސަރުކާރު ހިންގަނީ ކޯލީޝަން ޕާރޓީގެ ލީޑަރުންގެ ލަފާގެމަތިން އެޕާރޓީތަކަށް ނިސްބަތްވާ ޕާރޓީގެ މެންބަރުން ކަމަށާއި ކަންމިހެން އޮތްއިރު ޤައުމުގެ ސަރަހައްދު ބައެއް އުނިވެގެންދާފަދަ ބޮޑު ނިންމުމެއްގައި ސަރުކާރު ކުރިއަށް ދާއިރު ކޯލީޝަން ޕާރޓީގެ ލީޑަރުން ކޮބައިތޯ ވަނީ ސުވާލުކުރައްވާފަ އެވެ.
އާޒިމް ވިދާޅުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ހާސްކަމާއި ކަންބޮޑުވުން އިތުރުވެއްޖެ ކަމަށާއި އެކަމަކުވެސް ޤައުމަށްޓަކައި ރައްޔިތުންނަށްޓަކައި ހެޔޮވެރިކަން ކުރާ ކޯލީޝަން ސަރުކާރުގެ ހިޔަނިވެސް ފެންނާކަށް ނެތް ކަމަށެވެ.
ކޯލީޝަން ޕާރޓީގެ ލީޑަރުންގެ ފެންވަރާއި ފަންވަރު ރައްޔިތުން މިހާރު ހެކިވާނެ ކަމަށާއި ސަރުކާރުގެ ތެރޭން ޕާރޓީ ލީޑަރުންނަށް ބައިއަޅާ މިންވަރު މިއޮތީ ފެންނާންކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެލީޑަރުން ކޮށްދިނީ ކޮންކަމެއްތޯ ވެސް އާޒިމް ސުވާލުކުރައްވާފައި ވެއެވެ. އަދި ވެރިން ފިލާތިބެގެން ކުޑަކުދިން ލައްވާ ދެބޯގެރިދުއްވަނީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރު ހިންގަނީ ކިހިނެތްކަން ވެސް އޮޅިއްޖެ ކަމަށާއި ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ދީގެން ލިބޭފައިދާ އެއްނުފެންނަ ކަމަށެވެ.
"ހަމަ ރައްޔިތުން ގުނބޯ ހައްދަނީއެވެ. ރައްޔިތުން ހޭލާތިބޭށެވެ. ދޫދީގެން ނުވާނެއެވެ. މިކަމުގެ ޙަޤީޤީ ކޮޅުފެންނާނީ ރައްޔިތުންގެ އެއްބާރުލުމާއިއެކު ސިޔާސީ ފިކުރު އެއްކިބާކޮށް ޤައުމީ ފިކުރަށް ވަގުތުދީގެންނެވެ." އާޒިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިޤައުމަކީ ވަކިބައެއްގެ ޤައުމެއްނޫން ކަމަށާއި ޤައުމަށްލިބޭ ކޮންމެ ގެއްލުމެއްގެ ހިތިކަން ތިބާވެސް ހިއްސާކުރާނެ ކަމަށެވެ. އަދި ވެރިން ބަދަލުވަމުންދާނެ ކަމަށާއި ނަމަވެސް ތިބާގެ ޤައުމީ ޒިންމާބަދަލެއްނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް