ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ ނިޔާވި މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގދ. ހޯނޑެއް...

26 Oct 2022 | 05:34

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ ނިޔާވި މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގދ. ހޯނޑެއްދޫ، ސްވެން، އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ރޭގެ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށެވެ.

ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދު ނިޔާވުމުން މިކަމުގައި ފުލުހުންނަށް ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ރޭގައި ފުލުހުން ހާމަކޮށްފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު، މެއަށް ތަދެއް އަރައި، ސީޒަރއެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އަދި ގެންދިޔައިރުވެސް ނިޔާވެފައިވާކަށް ޑަކުޓަރު މައުލޫމާތުދެއްވިކަމުގައި ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައިކަމަށާއި އެ ލޯންޗުގައި އާންމުންވެސް ތިބިކަން ފާހަގަކުރާކަމަށެވެ. އަދި މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް