ޔުއެފާ ޗެމްޕިއަންސް ލީގު ރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިކޮށް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ފަހު ޖާގަ ބެންފީކާ އިން ކަށަވަރުކޮށްފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗު ބެންފީކާއިން ކާމިޔާބު ކުރީ3-4 ގެ ނަތީޖާއިންނެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ބެންފީކާއިން ލީޑުނެގީ އެންޓޯނިއޯ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މޮއިސް ކީން ކާމިޔާބު ކޮށްދިން ލަނޑުން ޔުވެންޓަސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ދެ ވަނަ ފަހަރަށް ބެންފީކާއިން މެޗުގެ ލީޑު ނެގީ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖާއޯ މާރިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ބެންފީކާގެ ތިން ވަނަ ލަނޑު ޖެހީ 35 ވަނަ މިނެޓުގައި ރަފާ ސިލްވާއެވެ.
ބެންފީކާގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދިނީ ރަފާ ސިލްވާއެވެ. އޭނާ މި ލަނޑު ޖެހީ ގްރިމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 50 ވަނަ މިނެޓުގައެވެ. މެޗުގެ 77 ވަނަ މިނެޓުގައި އާކަންޑިއުސް މިލިކް ވަނީ ޔުވެންޓަސް އަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން މެކް ކެނީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު އެއް ލަނޑަކަށް ކުޑަކޮށްފައެވެ. މި ލަނޑަށް ފަހުވެސް ޔުވެންޓަސްއިން ނަތީޖާ އަނބުރާލަން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަމަވެސް އެޓީމަށް އެކަން ވާގޮތެއް ނުވިއެވެ.
ރޭގެ މި ނަތީޖާއާއި އެކު ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުން ބެންފީކާ ޖާގަ ހޯދިއިރު، މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ޕީއެސްޖީއެވެ. މި ދެޓީމަށް އެއްވަރަކަށް މެޗު ކުޅެ އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނި ފައިދާ ގޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް