ޗެމްޕިއަންސް ލީގް: މެސީ އާއި ނޭމާ އަދި އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ޕީއެސްޖީ ދެވަނަ ބުރަށް

ޗެމްޕިއަންސް ލީގުގެ ގުރޫޕު އެޗުގައި ރޭ އިޒްރޭލުގެ މެކާބީ ހައިފާއާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރަށް ފްރާންސްގެ ޕީއެސްޖީން ދަތުރުކޮށްފިއެވެ. އަމިއްލަ ދަނޑ...

26 Oct 2022 | 03:55

ޗެމްޕިއަންސް ލީގުގެ ގުރޫޕު އެޗުގައި ރޭ އިޒްރޭލުގެ މެކާބީ ހައިފާއާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރަށް ފްރާންސްގެ ޕީއެސްޖީން ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި މެކާބީ އަތުން ޕީއެސްޖީ ރޭ މޮޅުވީ2-7 ގެ ނަތީޖާއިންނެވެ.

މި މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ މެސީއެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭއެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ނޭމާ ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަައި 35 ވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓު ފަހުން މެކަބީ ހައިފާގެ ސެކް ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު 44 ވަނަ މިނެޓުގައި މެސީ ޖެހީ އެމްބާޕޭގެ އެހީތެރިކަމާއެކުއެވެ.

ދެ ވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވެ ސެކް މެކަބީ ހައިފާ ދެ ވަނަ ލަނޑު ޖަހިއި ދެވަނަ ފަހަރަށް ފަރަގު ކުޑަކުރިއެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.  އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ހަ ވަނަ ލަނޑަކީ މެކަބީ ހައިފާގެ ސީން ގޯލްޑްބާގްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ ކާލޮސް ސޮލާއެވެ.

ރޭގެ މެޗު ކާމިޔާބު ކޮށް ޕީއެސްޖީ ދެ ވަނަ ބުރަށް ދަތުރުކުރީ ފަސްމެޗުން ހޯދި 11 ޕޮއިންޓާއި އެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ ދެ ވަނައިގެ ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަަނަ ބުރަށް ދިޔައީ ބެންފީކާއެވެ.  ޕީއެސްޖީ އަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް