17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ފައިނަލަށް ސްޕެއިން އާއި އިންގްލެންޑް

އިންޑިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ފައިނަލަށް ޔޫރަޕްގެ ދެ ގައުމުކަމަށްވާ ސްޕެއިން އާއި އިންގްލެންޑް ދަތުރުކޮށްފިއެވެ. ރޭ ކުޅެވުނު ސެމީ ފައިނަލް މެޗުތަކުގައި އިންގްލެންޑުން ...

26 Oct 2017 | 03:52

އިންޑިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ފައިނަލަށް ޔޫރަޕްގެ ދެ ގައުމުކަމަށްވާ ސްޕެއިން އާއި އިންގްލެންޑް ދަތުރުކޮށްފިއެވެ. ރޭ ކުޅެވުނު ސެމީ ފައިނަލް މެޗުތަކުގައި އިންގްލެންޑުން 3-1 ގެ ނަތީޖާއިން ބްރެޒިލް ބަލި ކުރިއިރު، ސްޕެއިނުން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާލީ ބަލި ކުރީވެސް ހަމަ މި ނަތީޖާއިންނެވެ.

އިންގްލެންޑުގެ ޒުވާން ޓީމުން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމާއެކު، މި އަހަރު ވެފައިވަނީ އިންގްލެންޑްގެ ޒުވާން ޓީމުތަކަށް ވަރަށް ކާމިޔާބު އުޖާލާ އަހަރަކަށެވެ. އިންގްލެންޑްގެ ޒުވާން ޓީމުތައް މިއަހަރު މި މުބާރާތުގެ އިތުރުން 17 އަހަރުން ދަށުގެ ޔޫރޯ، 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 19 އަހަރުން ދަށުގެ ޔޫރޯގެ ފައިނަލަށްވެސް ވަނީ ވާދަކޮށްފައެވެ. މި މުބާރާތްތަކުގެ ތެރެއިން އިންގްލެންޑުން ވަނީ 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 19 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބު ކޮށްފައެވެ. އިންގްލެންޑަށް ކާމިޔާބު ނުކުރެވުނު 17  އަހަރުން ދަށުގެ ޔޫރޯގައި އެޓީމު ބަލިވީ، މި މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރަން ޖެހޭ ސްޕެއިނާ ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.

އިންގްލެންޑުން ރޭ ބްރެޒިލް ބަލިކުރިއިރު، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ރިއާން ބްރޫސްޓާ ވަނީ ހެޓްރިކް ހަދާފައެވެ. މިއީ މި މުބާރާތުގައި ބްރޫސްޓާ ޖެހިޖެހިގެން ހެދި ދެވަނަ ހެޓްރިކެވެ. އޭނާ ވަނީ ކުއާޓާ ފައިނަލްގައި އެމެރިކާއާ ދެކޮޅަށްވެސް ހެޓްރިކެއް ހަދާފައެވެ. މިއާއެކު 7 ލަނޑާއެކު ލަނޑު ލިސްޓުގެ ކުރީގައި އުޅެނީވެސް ރިއާން ބްރޫސްޓާއެވެ. ފުރަތަމަ ހާފުގައި ބްރޫސްޓާ އިންގްލެންޑަށް ލީޑު ނަގާދީފައިވަނިކޮށް ބްރެޒިލްއަށް އެއްވަރުކޮށްދިން ލަނޑު އަދި އެ ޓީމު ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަރިމަތިން ފަހަތަށް ކުޅޭ ވެސްލޭ އެވެ.

މުމްބާއީގެ ޑީ.ވައި. ޕަޓިލް ސްޓޭޑިއަމްގައި ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ހާފުގައި އަބެލް ރުއިޒް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ސްޕެއިން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ރުއިޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 71 ވަނަ މިނިޓުގައި ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބު ކާމިޔާބު ކޮށްދިނީ ފެރާން ޓޮރޭސް އެވެ. މާލީގެ ހަމައެކަނި ލަނޑު އޭގެ 3 މިނިޓު ފަހުން ޖެހީ ލައްސަނާ އެންޑިޔޭ އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގަޑިން 16:30 ގައި ބްރެޒިން އާއި މާލީ ވާދަ ކުރާއިރު، ސްޕެއިން އާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗު ފެށޭނީ ހަމަ އެ ދުވަހު ރާއްޖެ ގަޑިން 19:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް