ވަކި ގޮތަކަށް ވާހަކަދެއްކުމަށް ނުފޫޒުހުރި ފަރާތްތަކުން އަންނަނީ ބާރު އަޅަމުން: މަހްފޫޒް ސައީދު

ބޮލަށް ވަޅިހަރައި ޒަހަމްކޮށްލި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު މަހްފޫޒް ސައިދަށް ލަންކާގައި ފަރުވާ ދެމުން އަންނައިރު އެ މައްސަލައާއި ބެހޭގޮތުން ވަކި ގޮތަކަށް ވާހަކަދެއްކުމަށް ނުފޫޒުހުރި ފަރާތްތަކުން ބާރ...

26 Oct 2015 | 04:36

ބޮލަށް ވަޅިހަރައި ޒަހަމްކޮށްލި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު މަހްފޫޒް ސައިދަށް ލަންކާގައި ފަރުވާ ދެމުން އަންނައިރު އެ މައްސަލައާއި ބެހޭގޮތުން ވަކި ގޮތަކަށް ވާހަކަދެއްކުމަށް ނުފޫޒުހުރި ފަރާތްތަކުން ބާރު އަޅަމުން އަންނަ ކަމަށް މަހްފޫޒް ވިދާޅުވެއްޖެ އެވެ.

މަހްފޫޒް މިހެން ވިދާޅުވެފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

"އަޅުގަނޑަށް ދިން ހަމަލާއާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދަނީ ފެތުރެމުން، އެކިއެކި ފަރާތްތަކަށް ތުޙުމަތުގެ އިނގިލިތައް ދަނީ ދިއްކުރެވެމުން، އަދި އެކަމާ ގުޅޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް ނުފޫޒު ހުރި ފަރާތްތަކުން ބާރު އަޅަމުން ގެންދޭ، އެހެންނަމަވެސް، އެގޮތަށް ވާހަކަ ދައްކައިގެން އަޅުގަނޑަށް ލިބޭނޭ އިނާމަކަށްވުރެ، އިންސާފަށްޓަކައި ވަކާލާތުކުރުން އަޅުގަނޑު އިސްކުރާ ވާހަކަ އެފަރާތްތަކަށް އަޅުގަނޑު ވާނީ ދަންނަވާފައި" ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ހަމަލާގެ ސަބަބަކީ ކޮބައިކަން ފުލުހުން ތަޙްޤީޤް ކޮށްދެއްވުމަކީ މިމައްސަލައިގައި އޭނާ އެދޭ ގޮތް ކަމަށާއި އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް މިމައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ފުލުހުން ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި އަދި މިއަދާހަމައަށް އައިއިރުވެސް، މިމައްސަލައާ ގުޅިގެން ފުލުހުން އޭނާއާ އެއްވެސް ސުވާލެއްވެސް ކޮށްލާފައިނުވާކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

"މިހަމަލާއަކީ އަޅުގަނޑުގެ ޒާތީ ކަމަކާ ގުޅިގެން ދެވިފައިވާ ޙަމަލާއެއް ނޫންކަން ސާބިތުކަމާއެކު ދަންނަވަން، އަދި އަޅުގަނޑު ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރާ އެއްވެސް މައްސަލައަކާ ގުޅިގެން މިފަދަ ހަމަލާއެއްގެ އިންޒާރު އަޅުގަނޑަށް ލިބިފައެއް ނުވޭ، ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އަޅުގަނޑު ކުރަމުންދާ މަސައްކަތަކީ، އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތެއް،  އަދި ސިޔާސީ ޕޯޑިއަމްތަކުގައި އަޅުގަނޑު ދައްކާ ވާހަކަތަކަކީ އެމް.ޑީ.ޕީ ގެ މެންބަރަކަށްވީތީ، އަދި އެ ޕާޓީގެ ޤާނޫނީ ކޮމިޓީގެވެސް މެންބަރަކަށްވީތީ އަޅުގަނޑު ހިތުގައި އުފެދޭ ޝުޢޫރުތަކެއް، އެއީ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހި އެތައް ރައްޔިތުންނެއް ވަމުންދާ ޤުރުބާނީތަކުގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ހިއްސާއެއް" އެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާގެ އެދުމަކީ ދިވެހިރާއްޖޭގައި ޢަދުލު އިންސާފާއި، ޑިމޮކްރެޓިކް ހަމަތައް ޤާއިމުކުރުމަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ފަސްނުޖެހި، ޙައްޤު އިންސާފު ލިބެންދެން ސާބިތުކަމާއެކު މަސައްކަތުގައި ދެމިތިބުން ކަމަށެވެ.  އަދ އޭނާގެ އަޒުމަކަށް ބަދަލެއް ނާންނަ ކަމަށާއި ރައީސް މުޙައްމަދު ނަޝީދު ޖަލުގެ ތޭރިތަކުން މިނިވަން ކުރުމަށްޓަކައި ކުރަމުން އައި މަސައްކަތް ކުރުމުގައި ދެމިހުންނާނެ ވާހަކަ ދަންނަވާކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން އެ ހަމަލާއަށް ފަހު، މިހާރު ހާލު ރަނގަޅުވަމުން އަންނަ ވާހަކަ ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށާއި  އެ ހަމަލާ ކުށްވެރިކޮށް، އަޅުގަނޑަށް ހެޔޮ ދުޢާ ކުރެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމަށާއި އަދި މިހާރު ސިލޯނުގައި ކުރިއަށްދާ ބޭސްފަރުވާގެ ކަންތައްތައް ނިމުނުހާ އަވަހަކަށް އެނބުރި މާލެ ދާނޭ ވާހަކަވެސް ދަންނަވާ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް