މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްޤީކުރި، "ޗައިލްޑްކެއާ ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައި ދެއްވައިފިއެވެ.
މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައެވެ.
ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނާގޮތުގައި އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވައި ދެއްވުމަށްފަހު، ފަޒްނާ ވަނީ، އެތަން ބައްލަވާލައްވައި، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
މިތަން ތަރައްޤީކޮށްފައި ވަނި، އާބަންކޯ ހެޑް އޮފީހުގެ 2 ވަނަ ފަންގިފިލާގައި ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރަށް، އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ޚާއްޞަކޮށް ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އއެތަން ޚާއްޞަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަވުމުން، އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
"ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެއްކަން ރައީސް އޮފީހުން ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން މުވައްޒަފުންގެ މަސައްކަތުގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއްނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައިސް އޮފީހުން ބުނެއެވެ. .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް