ކެބިނެޓަށް ނަގާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޭފުޅުން: ޑރ. މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކެބިނެޓަށް ނަގާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޭފުޅުން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ރިޔ...

26 Sep 2023 | 09:49

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކެބިނެޓަށް ނަގާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޭފުޅުން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ކެމްޕޭން ކުރައްވަން ލ. ގަމަށް ވަޑައިގަންނަވައި، ރޭ ބޭއްވި ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ، ނިމުނު އިންތިޚާބަކީ ލ. އަތޮޅު ގަމުން އެންމެ ބޮޑު ތާއީދެއް ޕީޕީއެމް/ޕީއެންސީއަށް ލިބުނު ފަހަރު ކަމަށެވެ.

އަދި މި މަހު 30 ދުވަހު މިނަގާ ވޯޓަކީ ޤައުމީ ވޯޓެއް ކަމަށާއި މި ޤައުމުގެ މިނިވަންކަން އޮތް ހިސާބަށް ބަލާއިރު އެ ދުވަހުގެ ނިންމުން ރަނގަޅަށް ނުނިންމައިފިނަމަ މިޤައުމުގެ ކަންކަން ދާނީ އަތުނުޖެހޭ ހިސާބަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަން މިއަދު މިއޮތީ ވަރަށް ނުރައްކާ ހިސާބެއްގައިކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެ ކޯލިޝަނުން ފަށައިގެން އުޅޭ ގައުމީ މަސައްކަތުގައި އެންމެން ގުޅިގެން ކުރިއަށް ދާތީ ވަރަށް އުފާކުރާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބަހާ އަމަލާ ދިމާވާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ތަޞައްވަރު ހާމަކޮށް އެ ދައްކަވާ ވާހަކަތަކަކީ އެކަންކަން ކުރުމަށްޓަކައި ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އަމަލީ ގޮތުން ނަތީޖާ ނެރެދޭނެ ކަމަށާއި އެކަންކަން ކުރަން އެކުލަވާލާ ޓީމު ވާނީ އިޚްލާސްތެރިކަމާއި އެކު އެމަނިކުފާނު އެދިލައްވާ ގޮތަށް އެކަންކަން ކުރެވޭ ފަދަ ޓީމަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކެބިނެޓަށް ނަގާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޭފުޅުން. ފަސްބައި ސާފު، ތައުލީމީ، ޤާބިލް ،އަޅުގަނޑު އެދޭ ސްޕީޑުގައި އެކަންކަން ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރެވޭ ފަދަ ބޭފުޅުން" މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއިން އެ އަންނަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ޤާއިމްކުރަން ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށާއި ރައްޔިތުންނާއި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގު ފަހިވާފަދަ  އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެއްޔާ އެމަނިކުފާނު އިސްވެ އެމީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް