ރިޔާސީ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއި ކުރަން ފަށާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ވޯޓާސް ލިސްޓުގައި ސޮއި ކުރުން، ދަރުބާރުގޭގައި ފެށިގެން ކުރިޔަށް ދާ ކަމަށެވެ.
އީސީއިން ބުނީ، ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު، މިއަދު ހެނދުނު 09:00 އިން ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައިވާނެ ކަމަށެވެ.
އެ ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާ ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންވާނެ ކަމަށް އީސީން ބުންޏެވެ.
އަދި ރަޖިސްޓަރީގައި ސޮއިކުރަން ދާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އީސީން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އީސީން އާންމު ކޮށްފައި ވަނީ އިއްޔެއެވެ.
އިލެކްޝަނުން ހާމަކޮށްފައިވާގޮތުގައި ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރުމަށް 50047 ފޯމު ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 11282 ރިޖެކްޓް ކުރުމުން 38763 ވަނީ ރީ ރަޖިސްޓަރ ކޮށްފައެވެ.
ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 11 ހާހަށްވުރެ ގިނަ ފޯމު ސައްހަ ނޫންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އެގޮތުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 11284 ފޯމު ސައްހަ ނުވެ ރިޖެކްޓް ކުރެވިފައިވާކަމަށެވެ.
ރިޖެކްޓް ކުރަން ޖެހުނު ސަބަބުތަކުގެ ތެތޭގައި ހިމެނެނީ އޮންލައިންކޮށް ފޯމު ހުށަހެޅި އިރު ލައިވް ފޮޓޯގެ މައްސަލައާއި އައިޑީ ކާޑުގެ އެއް ފަރާތް ހުށަހަޅާފައިވުމާއި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ހުށަހެޅުމާއި މިފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް