ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި އެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖ...

26 Sep 2022 | 11:44

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި އެވެ.

މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހަރަކާތެކެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕް އަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބީއެމްއެލް އިން ދަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.

"މޮޅު އެތުލީޓުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ މަހެއްގައިވެސް ބޭންކުން ތައާރަފްކުރަމުންދާ ހަރަކާތްތަކަކީ މުޖުތަމައަށް އެހީތެރިވުމަށާއި ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓެއްވެސްމެ." އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް ސްކޮލާޝިޕް އަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީޚެއްގައި ހާމަކުރާނެ ކަަމަށް ބީއެމްއެލް އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް