ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ހަތަރު ބިތުގައި އިސްތިސްނާއެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އެބަ ގެންދަވައެވެ. މިފަހަރު މިސާލު މި ނަގަނީ ބޮޑު ތިލަދުންމަތިންނެވެ. ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ޑައިރީ ހުޚުވާލާއިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަނީ މަސައްކަތްތައް މުޅިން ނިންމައި ރައްޔިތުންނަށް އެކަންކަމުން މަންމާ ލިބެމުން އަންނަ މަޝްޢޫރުތަކެވެ. މި ލިސްޓުގައި 22 މަޝްރޫއެއް އެބަ ހިމެނެއެވެ.
ހއ. އުތީމުގައި ނަރުދަމާ ނިޒާމާއި ގައުމީ ދަތުރުފަތުރު ކުރުމުގެ ނިޒާމްކޮށް ނިންމުމުގެ އިތުރުން ވޮލީ ކޯޓާއި ފުޓްސަލް ދަނޑާއި އައު އިންޖީނުގެ އަޅައި ނިންމައި، ނިމިފައިވާ މަޝްރޫއުތަކުގެ ޑައިރީގައި ތަސްވީރުތަކާއެކު ވަނީ ހިމަނާފައެވެ. އުތީމުގެ ތަރައްގީގެ މަޝްރޫއުތަކަށް އިތުރަށް ބަލާލާއިރު، ރަށުގައި ފެނުގެ ނިޒާމް ގާއިމްކުރުމާއި ސްކޫލުގައި ހަތަރު ކްލާސްރޫމް އަލަށް އެޅުމާއި ސިއްޚީ މަރުކަޒު އަޕްގްރޭޑް ކުރުމާއި ބޮޑުތަކުގެފާނުގެ ހަނދާނީ މަރުކަޒު ގާއިމްކުރުމާއި މަސައްކަތް ކުރިއަށް ދާއިރު، ދާރުލް އާސާރު ގާއިމްކުރުމުގެ މަސައްކަތް އޮތީ ޓެންޑަރ ކޮށްފައެވެ. މީގެ އިތުރުން ހައި ސްޕީޑް ފެރީ އެކްސެސް ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ހއ. ދިއްދޫއަށް ބަލާއިރު މިހާތަނަށް ހަތް މަޝްރޫއެއް ނިންމައި، ދިއްދޫ ރައްޔިތުންނާމެދު ރައީސް ސޯލިހުގެ ހިތްޕުޅުގައި އޮތް ލޯބި ވަނީ ސާބިތުކޮށްދެއްވާފައެވެ. ދިއްދޫ ރައްޔިތުން އުފަލުން ތިބީ ގޮނޑުދޮށް ހިމާޔަތްކޮށް އިޖުތިމާޢީ މަރުކަޒު އަޕްގްރޭޑްކޮށް ކުނިކޮށި ގާއިމްކޮށް ހައުސިން ޔުނިޓުތައް ހިމެނޭ މަގުތަކުގައި ބައްތިޖައި އަލިކޮށްލުމުންނެވެ. ގައުމީ ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރުން ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ސްވިމިން ޕްލެޓްފޯމް ގާއިމްކޮށް ނިންމާފައިވާތީއެވެ. މީގެ އިތުރުން ދިއްދޫއަށް ޚާއްސަކުރެވިފައިވާ 17 މަޝްރޫޢުގެ ތެރެއިން ބަނދަރު ހެދުމާއި ރަސްމީ ފާލަން ހެދުމާއި އައު އިންޖީނުގެ އެޅުމާއި ޖޫނިއަރ ކޮލެޖް ގާއިމްކުރުމާއި ހއ. އަތޮޅުޔ ތަޢުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމް އެޅުމާއި ފުޓްބޯޅަ ދަނޑު ސިޑިބަރި ހަދައި ދަނޑުގައި ލައިޓް ޖެހުމުހެ މަސައްކަތް ކުރިއަށް އެބަދެއެވެ. ދިއްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ރަސްމީ ފާލަން ހެދުމާއި 40 މީހުންގެ ޕޮލިސް އެކޮމޮޑޭޝަން ބްލޮކް ހެދުމާއި އެސްސީޑީ އައިސް ޕްލާންޓް ގާއިމް ކުރުމާއި 50 އެނދުގެ އައު ހޮސްޕިޓަލެއް އެޅުމަށާއި ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސްއިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުމަށް މިހާރު ވަނީ ކޮންޓްރެޓް ކުރެވިފައެވެ. އިސްލާމިކް ސެންޓަރު އެޅުމާއި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދުމަށްޓަކައި ޕްރީ ޓެންޑަރ ކޮށްފައިވާއިރު، ދިއްދޫގައި ފެނަކަ އޮފީސް އިމާރާތް އެޅުމަށް އޮތީ ޕްލޭންކޮށްފައެވެ.
ބޮޑު ތިލަދުންމަތީގައި މިހާތަނަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހދ. ނައިވާދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމާއި ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމްކުރުމާއި ސޯލާ ޕީވީ ސިސްޓަމް އަދި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމާއި ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ނަރުޖަމާ ނިޒާމް ގާއިމްކުރުމާއި ސްކޫލް ހޯލް އެޅުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުމުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާއިރު، ބަނދަރު މަރާމާތުކުރުމާއި ނެރު ފައިކަށި ބަދަލުކުރުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް އޮތީ ޕްރީ ޓެންޑަރކޮށްފައެވެ. އަދި ކުޑަކުދިންގެ ފާކެއް އެޅުން ވެސް ނައިވާދޫއަށް ވަނީ ޚާއްސަކޮށްފައެވެ.
މި ލިސްޓަށް ދެން މި އިތުރުކޮށްލަނީ ހދ. ފިނޭ އެވެ. ނިންމާފައިވާ މަޝްރޫއުތަކުގެ ޑައިރީގައި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި މަގު ބައްތި ޖެހުމާއި ސޯލާ ޕީވީ ސިސްޓަމް އަދި ބެޓްރީ އެނަރޖީ ސިސްޓަމް ގާއިމްކުރުމާއި ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމްކުރުމާއި އައު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ އިތުރުން ފުޓްސަލް ދަނޑުއެޅުމުގެ މަސައްކަތް ތަސްވީރުތަކާއެކު ހިމަނާފައިވެއެވެ. އަދި ތަރައްގީގެ ދުރުމި ފިނޭއަށް އަމާޒުކޮށްލާއިރު ރަށުގެ ހެލްތު ސެންޓަރުގެ ވަށާފާރު ރޭނުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުމުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކުރެވިފައެވެ. ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ މަސައްކަތް ޓެންޑަރކޮށްފައިވާއިރު، ބަނދަރު އަޕްގްރޭޑްކުރުމާއި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢު އޮތީ ޕްރީ ޓެންޑަރިންގެ މަރުހަލާގައެވެ. ރަށުގެ ވޮލީ ކޯޓު ތަރައްގީކުރުން ވެސް އަދި ކުރިއަށް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް