ޅ. ނައިފަރު މަސްވެރިންގެ ޝަކުވާތައް ކަމަށް ބުނެ އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު ހޫނު ރައްދެއް ދެއްވައިފި އެވެ.
ޝިޔާމް މިނިސްޓަރާއި ސުވާލު ކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ.
ޝިޔާމް ވިދާޅުވީ ނައިފަރު މަސްވެރިންގެ ޝަކުވާއަކީ އެ މީހުން ބާނާ މަސްތައް ނުކިރޭ ވާހަކަ ކަމަށެވެ. ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅަށް ފައިސާ ނުލިބޭ ކަމަށާއި އައިސްވެސް ނުލިބުމަކީވެސް އެ މަސްވެރިން ކުރާ ޝަކުވާއެއް ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވަނީ އެކަންކަން ނުވާއިރު މިނިސްޓްރީން ކުރަނީ ކީއްތޯ ސުވާލު ކުރައްވާފަ އެވެ.
މި ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ނައިފަރު މަސްވެރިންގެ ތެރެއިން ބާނާ މަސް ނުކިރޭ މަސްވެރިންގެ އަދަދު އެނގެން ބޭނުންވާ ކަމަށެވެ. އަދި އައިސް ނުލިބެނީ ކިތަށް މަސްވެރިންނަށްތޯވެސް އެނގެން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ބާނާ މަސް ފެލިވަރަށް ކިރުވައިގެން އަގު ނުލިބެނީ ނައިފަރުގެ ކިތަށް މަސްވެރިންނަށްތޯ އެނގެން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވަނީ އެ އަދަދުތައް އެ މިނިސްޓްރީ އާއި ހިއްސާ ކޮށްދެއްވުމަށް މެމްބަރަށް ދަންނަވާފަ އެވެ. އަދި އެ ކަމަށް ޖަވާބެއް ދެއްވާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް