ށ. ފޭދޫގެ ތަރައްގީއަށް ހުރި ކަންކަން ނައިބު ރައީސް އާ ހިއްސާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތު...

26 Sep 2021 | 18:43

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންގެ ދަތިކަމާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އާއި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަމާއި، ފެރީގެ ނިޒާމުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ފުލުހުންގެ ޚިދުމަތްފަދަ ރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތަކާއި ރަށުގެ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންތައްތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ކަންކަން ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިދީފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަށުގައި މިހާރުވެސް ހުރި ވަޞީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގައި ހުންނަ ކްލަބް ޖަމުޢިއްޔާތައްފަދަ ފަރާތްތަކާ ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި މަޝްރޫޢުތަކުގެ މަސައްކަތްކުރިޔަށްދާ ސްޕީޑް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށް ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް