ސާފް ޗެމްޕިއަންޝިޕް 2021: ޓީމް ޕްރޮފައިލް - އިންޑިއާ

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން ...

26 Sep 2021 | 18:29

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 107 ވަމާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 11 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ.

އިންޑިއާ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ މުޅި މުބާރާތުގައި ޖުމްލަ 52 މެޗު ކުޅެ 34 މެޗުން މޮޅުވެފައެވެ. ދިހަ މެޗުން އެއްވަރުވިއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ.

ކޯޗު

އިންޑިއާ ގައުމތީމަށް މިވަގުތު އިރުޝާދު ދެމުން ގެންދަނީ ކްރޮއޭޝިއާގެ ކުރީގެ ފުޓްބޯޅަ ލެޖެންޑެއް ކަމުގައިވާ އިގޯ ސްޓިމޭކްއެވެ. ސްޓިމޭކް އަކީ ކުރިން ޔޫރަޕްގެ މަޝްޙޫރު ކުލަބުތަކަށްވެސް ކުޅެފައިވާ ފަރާތެކެވެ. އެގޮތުން ވެސްޓް ހަމް ޑާބީ ކައުންޓީ އަދި ކާޑިޒް ފަދަ ކުލަބުތަކަށް އޭނާ ކުޅެފައިވެއެވެ. ކޯޗެއްގެ ގޮތުގައި ރަނގަޅު ތަޖުރިބާތަކެއް ކޮށްފައިވާ ސްޓިމޭކް ވަނީ 2012 ވަނަ އަހަރު ކްރޮއޭޝިއާގެ ގައުމީޓީމަށް ވެސް ކޯޗު ކޮށްދީފައެވެ. މީގެ އިތުރުން ކްރޮއޭޝިއާގެ ލީގުގެ ކުލަބެއް ކަމުގައިވާ އެންކޭ ޒެގްރިބް، އެންކޭ ޒެޑަރ ފަދަ ކުލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވެއެވެ.

ސްޓިމޭޚް އިންޑިއާގެ ގަުއމީޓީމުގެ ކޯޗު ކަމާއި ހަވާލުވީ 2019 ވަނަ އަހަރުގެ މޭމަހުއެވެ. އޭނާ އިންޑިއާގެ ގައުމީޓީމަށް އިރުޝާދު ދޭންފެށިފަހުން އެގައުމުގެ ފުޓްބޯޅައަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށް އެގައުމުން ބުނެއެވެ. ސްޓިމޭކްގެ އިރުޝާދުގެ ދަށުން އިންޑިއާ މިހާތަނަށް 17 މެޗު ކުޅެފައިވާއިރު، އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. ހަތް މެޗުން ބަލިވިއިރު، ހަތް މެޗުން ވަނީ މޮޅުވެފައެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ސްތިމޭކްގެ އިރުޝާދުގެ ދަށުން އިންޑިއާ ކުޅޭ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ.

މުހިންމު ކުޅުންތެރިން

އިންޑިއާއަކީ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް ފުޓްބޯޅަ ލީގު އޮންނަ ހުނައރުވެރި ތަރިން ގިނަ ގައުމެވެ. އެހެން ކަމުން ސާފް ގައުމުތަކުގެ ތެރެއިން އެންމެ ފެންވަރުގެ ގޮތުން ރަނގަޅު ކުޅުންތެރިން ތަކެއް ތިބޭ އެއްގައުމަށް އިންޑިއާވާނެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތްރީއެވެ. ޗެތްރީއަކީ މިވަގުތު އިންޑިއާގެ ނަމްބަރ ވަން ފުޓްބޯޅަ ކުޅުންތެރިއާއެވެ.

ޕޯޗުަލްގެ ތިންވަނަ ޑިވިސަން ކުލަބެއް ކަމުގައިވާ ސްޕޯޓިން ސީޕީއަށް ވެސް ކުލެފައިވާ ތަޖުރިބާކާރު ފޯވާޑް އަންނަނީ އިންޑިއާގެ ގައުމީޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިހާރު އިންޑިއާ ސުޕަލީގުގެ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ފޯވާޑް ވަނީ އިންޑިއާގެ ގައުމީޓީމަށް މިހާތަނަށް 120 މެޗު ކުޅެދީ 75 ލަނޑުވެސް ޖަހައިދީފައެވެ. އިންޑިއާގެ ފުޓްބޯޅަ ތާރީޚުގައިވެސް އިންޑިއާގެ ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ޝަރަފުވެސް ލިބިފައިވަނީ ސުނިލް ޗެތްރީއަށެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އިންޑިއާ ކުޅޭ މެޗުތައް

04 އޮކްޓޫބަރ: އިންޑިއާ - ބަނގްލަދޭސް (16:00)

07 އޮކްޓޫބަރ: އިންޑިއާ- ސްރީލަންކާ (16:00)

10 އޮކްޓޫބަރ: އިންޑިއާ- ނޭޕާލް (21:00)

13 އޮކްޓޫބަރ: އިންޑިއާ- ދިވެހިރާއްޖެ (21:00)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް