ނައިބު ރައީސް، ވީއައިއޭ އަށް ޒިޔާރަތް ކުރައްވާ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ޚިދުމަތްދޭ އެކި މުވައްސަސާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ. އެމަނިކުފާނު ވީއ...

26 Sep 2021 | 18:16

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ޚިދުމަތްދޭ އެކި މުވައްސަސާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

އެމަނިކުފާނު ވީއައިއޭ އަށް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެތަނުގައި ޚިދުމަތްދޭ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ މަސައްކަތްތަކާއި އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވި އެވެ.

މި ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި އެމް.އޭ.ސީ.އެލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެބޭފުޅުން ވަނީ އެ މުވައްސަސާތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާ ފައެވެ.

މީގެ އިތުރުން މިހާރު ފަތުރުވެރިން އަންނަލެއް އިތުރުވާކަން ފާހަގަކުރައްވާ މިބައްދަލުކުރެއްވުމުގައި އެމުވައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެބޭފުޅުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދެއްވައި އެކަންކަން އެޗް.ޕީ.އޭގެ ޤަވާއިދާ އެއްގޮތަށް ކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެމެޖެންސީ ހާލަތްތަކުގައި އެހާލަތަށް އިސްކަންދެއްވައިގެން ކުރަން ހުންނަ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވުމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހުރިހާ މުވައްސަސާތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި އެދިލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ ޑޮމެސްޓިކް ޓަރމިނަލްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައްވެސް ބައްލަވާލައްވާ ފައެވެ. އަދި އެވަގުތު ވީ.އައި.އޭ އަދި ޑޮމެސްޓިކް ޓަރމިނަލްގައި ތިބި ބައެއް ފަސިންޖަރުންނާވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ އިތުރުން އެއާޕޯޓުގައި އަލަށް ތަރައްޤީ ކުރަމުންދާ ވީ.އައި.ޕީ އަދި ސީ.އައި.ޕީ ޓަރމިނަލް ވެސް އެމަނިކުފާނުވަނީ ބައްލަވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް