އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން އާސެނަލް މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އާސެނަލުންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ބުކަޔޯ ސާކާގެ އެހީތެރި ކަމާއި އެކު އެމިލޭ ސްމިތް ރޯއެވެ. އާސެނަލްއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 27 ވަނަ މިނެޓުގައި ޕިއެރޭ އެމެރިކް އޮބަމަޔެންގް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެ ދިނީ މެޗުގެ ފުރަތަމަ ލަނޑު އާސެނަލައަށް ކާމިޔާބު ކޮށްދިން ސްމިތް ރޯއެވެ. އޭގެ ހަތް މިނެޓު ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ބުކަޔޯ ސާސާ ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މޮޅު ކުޅުމަކާއި އެކު މެޗުގެ ފުރަތަމަ ހާފު އާސެނަލްއިން ނިންމާލީ ތިން ލަނޑުގެ ބޮޑު ލީޑެއްގައި އޮވެއެވެ. މި މެޗުގައި ޓޮޓެންހަމްއިން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ފަހުހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސޮން ހިއުންމިން އެވެ.
މިރޭގެ މި މޮޅަކީ މިފަހަރުގެ ލީގުގައި އާސެނަލް ހޯދި ތިންވަނަ މޮޅެވެ. އަދި އާސެނަލް އަތުން ޓޮޓެންހަމް ބަލިވިއިރު، މިއީ އެޓީމު މިފަހަރުގެ ލީގުގައި ބަލިވި ތިން ވަނަ މެޗެވެ.
މި މޮޅާއި އެކު އާސެނަލް ވަނީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ލީގުގެ ނުވަވަނައަށް ޖެހިލާފައެވެ. އަދި އާސެނަލް އަތުން ބަލިވި ޓޮޓެންހަމް ވަނީ ލީގުގެ އެގާރަ ވަނައަށް ވެއްޓިފައެވެ.
ލީގުގެ އެއްވަނާގައި އޮތީ 13 ޕޮއިންޓާއި އެކު ލިވަޕޫލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް