ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކަށް ދައުވާކުރަން ފޮނުވައިފި

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި ދައުވާކުރަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީ...

26 Sep 2021 | 17:35

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި ދައުވާކުރަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު (36)އގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް 11 ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އޭނާއަށް ދައުވާ ކޮށްފައިވަނީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު، އެކި މީހުންގެ ޒާތީ މައުލޫމާތާ އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އަދި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައި ކަމަށެވެ.

މަސާއިދު އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލައަށް ނައްތާލާފައިވީނަމަވެސް މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ އަތުލާފަ އެވެ.

މީގެ އިތުރުން މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ލީކްކޮށްފައިވާ ސްނެޕްޝޮޓްތަކެއް ވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

ފުލުހުން ބުނެފައިވަނީ މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށެވެ.

މަސާއިދުގެ މައްޗަށް ކުރާ ދައުވާތައް:

  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 622 ވަނަ މާއްދާގެ ދަށުން، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 (ތިނެއް) ދައުވާ.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 622 ވަނަ މާއްދާގެ ދަށުން، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 (ތިނެއް) ދައުވާ.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 530 ވަނަ މާއްދާގެ ދަށުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ،
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 230 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް