ޑިބާލާއާއި މޮރާޓާއަށް އަނިޔާވެއްޖެ، ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި ދެކޮޅަށް ނުކުޅެވޭނެ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވަޑް  ޕައުލޯ ޑިބާލާއަށް އަނިޔާވިއިރު، އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ވެސް އަނިޔާވެއްޖެއެވެ. މި ދެކުޅުންތެރިންނަށް ވެސް އަނިޔާވީ އާދި...

26 Sep 2021 | 15:40

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވަޑް  ޕައުލޯ ޑިބާލާއަށް އަނިޔާވިއިރު، އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ވެސް އަނިޔާވެއްޖެއެވެ.

މި ދެކުޅުންތެރިންނަށް ވެސް އަނިޔާވީ އާދިއްތަ ދުވަހުގެ ރޭ ސްމްޕަޑޯރިއާއާއި ދެކޮޅަށް ކުޅެ2-3 އިން މޮޅުވި މެޗުގައެވެ. މި މެޗުގައި އަނިޔާގެ މައްސަލަ ކުރިމަތިވެ ޑިބާލާ ބަދަލު ކޮށްފައި ފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. ޑިބާލާއަށް އަނިޔާވެފައިވަނީ ފައިގެ ފަލަމަސް ގަނޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މޮރާޓާއަށް އަނިޔާވެ ބަދަލުކޮށްފައިވަނީ މެޗުގެ ފަހު ހާފުގެ ކުޅުން ނިމެން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށެވެ.

ޑިބާލާއާއި މޮރާޓާއަށް އަނިޔާވެ ބަދަލުކުރަން ޖެހުނުއިރު، މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ޗެލްސީއާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިންނަށް ވެސް ނުކުޅޭވޭނެ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ޗެލްސީ މެޗުގެ އިތުރުން އަންނަ ހަފްތާގައި ލީގުގައި ޓޮރީނޯއާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

" ޑިބާލާ އަދި މޮރާޓާއަށް ވަނީ އަނިޔާވެފަ. މި ދެ ކުޅުންތެރިންނަށް ވެސް މި ހަފްތާގެ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ލީގުގައި ކުރިޔަށް އޮތް ޓޮރީނޯ މެޗު ގެއްލޭނެ. އެކަން ވަނީ މިހާރު ކަށަވަރުވެފަ." ޔުވެންޓަސް ކޯޗު އެލެގްރީ ބުންޏެވެ.

ޗެމްޕިއަނސް ލީގުގެ މުހިންމު މެޗެއް މިހާ ގާތްވެފައިވާއިރު، ޔުވެންޓަސްގެ އެންމެ މުހިންމު ދެ ފޯވާޑަށް އަނިޔާ ވެ ކުޅުމާއި ދުރަށް ދާން ޖެހުމަކީ ޔުވެންޓަސްގެ ކޯޗު އެލެގްރީއަށް ފޫބައްދަން އުނދަގޫ މައްސަލައަކަށް ވެގެންދާނެއެވެ. އެގޮތުން އެލެގްރީ މިރޭގެ މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ ޗެލްސީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެން ތައްޔާރުވެ ފައި އޮތް ވަގުތެއްގައި އެންމެ މުހިންމު ދެ ކުޅުންތެރިންނަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޔުވެންންޓަސް އިން ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސްވިޑެންގެ މަލްމޯއާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އެ ޓީމު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބައްދަލުކުރަން ޖެހޭނީ އަންނަ ބުދަ ދުވަހުގެރޭ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް