އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެ ރޭ ސަމްޕްޑޯރިއާއާއި ދެކޮޅަށް ކުޅުނުމެޗުން މޮޅުވެ ލީގުގެ ނުވަވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.
އަމިއްލަ ރަށުގައި ސަމްޕްޑޯރިއާއާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.
ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ލީޑު ނެގީވެސް ޔުވެންޓަސްއިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޮކަޓެލީގެ އެހީތެރިކަމާއި އެކު ޕައުލޯ ޑިބާލާއެވެ. މިއީ މިފަހަރުގެ ސީޒަނުގައި އޭނާ ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމޔާބު ކޮށްދިނީ ލިއޮނާޑޯ ބޮނޫޗީއެވެ. ޔުވެންޓަސްއިން ދެވަނަ ލަނޑު ޖެހިތާ އެއް މިނެޓު ފަހުން ސަމްޕްޑޯރިއާއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކެންޑްރޭވާގެ އެހީތެރިކަމާއި އެކު މާޔާ ޔޮޝިޑާއެވެ.
ޔުވެންޓަސްއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހު ހާފުގެ ކުޅުން ފަށައިގެން މެޗުގެ 57 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޔުވެންޓަސްއަށް ޖަހައިދިނީ ކުލުއެސްކީގެ އެހީތެރިކަމާއި އެކު އެމެނުއެލް ލޮކަޓެލީއެވެ. މިއީ މިފަހަރުގެ ސީޒަނަށް ސަސުއޯލޯއިން ލޯނުއުސޫލުން ޔުވެންޓަސްއަށް ބަދަލުވި ފަހުން ލޮކަޓެލީ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މެޗު ނިމުމުގެ ކުރިން ސަމްޕްޑޯރިއާއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ދެވަނަ ފަހަރަށް ކުޑަކޮށްފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ޖަހައިދިނީ އެންޓޯނިއޯ ކެންޑްރޭވާއެވެ.
މި ނަތީޖާއާއި އެކު ޔުވެންޓަސް ވަނީ ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއި އެކު ލީގުގެ ނުވަވަނައަށް ޖެހިލާފައެވެ. ޔުވެންޓަސްއަތުން ބަލިވި ސަމްޕްޑޯރިއާ އޮތީ ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު ލީގުގެ 15 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް