އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންދާ މީހުންގެ ލިސްޓުގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުންނާއި ސަޕޯޓަރުން ތިބިކަން އެނގިފައި ވަނިކޮށެވެ. އަދި އިއްޔެ ބޭއްވި އެމްޑީޕީގެ އިންތިހާބުގައި އެފަދަ ކިތަންމެ ބަޔަކު ވޯޓު ލީކަމަށްވެ އެވެ.
އާދަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވޯޓާސް ލިސްޓުގައި އޮތް ޕީޕީއެމްގެ ސަޕޯޓަރުން އިއްޔެގެ އިންތިހާބުގައި ވޯޓުލި ކަމަށެވެ. އަދި އެ ލިސްޓު ވެފައިވަނީ އެ ގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާ އެއްޗަކަށް ކަމަށެވެ.
އެހެންވެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ޔަގީން ނުވާއިރު އެ އިންތިހާބުގެ ނަތީޖާ ގެންނަންވެސް ދަތިވާނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި މި ނޫން ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.
https://twitter.com/Adamshareefz/status/1442045646094045191
އެމްޑިޕީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގައުމީ މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ވާދަ ކުރި ކެންޑިޑޭޓުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް