ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން، ކަނޑުދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ދަތުރަށް ފެށުމުގެ ކުރިން ޔަގީންކުރުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށާއި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓުފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އެދިފައި ވެއެވެ. އަދި މުދާ އުފުލާ އުޅަނދުތައް ބަރު ކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރެއެވެ. އަދި ފަޅުގައި އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެ ކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.
މީގެ އިތުރުންވެސް ވައިގަދަވެގެންދާ ވަގުތުތަކުގައި، އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށި ފަދަތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ވަޔާ އެއްލައިލަފާނެ ފަދަ ތަކެތި އެއްލައި ނުލާނޭހެން ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ބޭނުންނުކުރާ ކަމުގައިވާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަކީވެސް ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ،
މީގެ އިތުރުން ވެސް، ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ނުވަންނާނޭހެން ވެލި ބަސްތާ ފަދަ ތަކެތި ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގުހިނގާ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށާއި ވިއްސާރެވެ ވައިގަދަ ވުމާއެކު ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް