ޗައިލްޑްހުޑް ކެންސަރ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ދިރާގުން ފަށައިފި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން ޗައިލްޑްހުޑް ކެންސަރ ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރ ބައްޔާ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ. 2018 ވަނ...

26 Sep 2021 | 09:04

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން ޗައިލްޑްހުޑް ކެންސަރ ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރ ބައްޔާ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.

2018 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރ މަހު ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރ އެވެއަރނެސް ކެމްޕެއިން" ގައި ކުރިންވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި އަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރ އަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރ އަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމަޢުއަށް ކުދިން ނިކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ދާދި ފަހުން އިންޓަރނޭޝަނަލް އެޖެންސީ ފޯ ރިސަރޗް އޮން ކެންސަރ އިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާ ކަމުގައި ވަނީ ނަމަވެސް މިހާރު ޗައިލްޑް ހުޑް ކެންސަރ ވަނީ ނުހަނު އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސް އަކަށް ވެފަ އެވެ.

މީގެ އިތުރުން، މި ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކެންސަރ ގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައިވަނީ އޭޝިއާ ބައްރުގަ އެވެ.

ކުޑަކުދިންނަށް ޖެހޭ ކެންސަރ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރ ބަލީގެ 1% އެވެ. އެހެންނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7% ކެންސަރ ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެ އެވެ.

އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެކެވެ. ލުކީމިއާ އަދި ސިނކުޑިއަށް ހެޖޭ ކެންސަރ ފަދަ ކެންސަރ ބަލީގެ ބާވަތް ތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރ ބަލީގެ ތެރެއިން ބާވަތްތަކެވެ.

މި އަހަރުގެ މި ކެމްޕެއިން ފެށުމުގެ ގޮތުން ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސަރގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލާފަ އެވެ. މި ކެމްޕެއިންގެ ދަށުން ޗައިލްޑް ހުޑް ކެންސަރ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ވީޑިއޯ ސީރީސް އެއްވެސް ވަނީ ނެރެން ގަސްތުކޮށްފަ އެވެ.

މި ސީރީސްގެ ދަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑް ހުޑް ކެންސަރ އާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މި ކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށެވެ. އަދި ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ޚާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

ދިރާގުގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

" ކެންސަރ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕެނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން". އޭނާ ވިދާޅުވި އެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން، ޖުވޭރިޔާ ސައީދު ވިދާޅުވީ މި އަހަރުގެ މި ކެމްޕެއިނުގައި ކެންސަރ ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނިކުންނަ ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާމެދު ޚާއްސަކޮށް އަލި އަޅުވާލެވޭނެ ކަމަށެވެ. އަދި މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނެ ކަމަށެވެ.

" ދިރާގުން އަޅުގަނޑުމެންގެ ޗައިލްޑް ހުޑް ކެންސަރ އެވަރނަސް ކެމްޕެއިނަށް 2018 ވަނަ އަހަރުން ފެށިގެން ދަނީ މެއިން ޕާޓްނަރއެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެމުން. އެހެންކަމުން ދިރާގަށް ވަރަށް ޚާއްސަކޮށް ޝުކުރު ދަންނަވަން". އޭނާ ވިދާޅުވި އެވެ.

ދިރާގުން ދަނީ ކުޑަ ކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް