ދިވެހިރާއްޖޭގެ ރިސޯޓުތައް ބަންދުކޮށްފައި 2 އަހަރު ބޭއްވޭ ގޮތަށް އޮތް ގަވާއިދު ބަދަލުކުރަން ޖެހޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ބަންދުކޮށްފައިވާ ދެ ރިސޯޓަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރާއްޖޭ ޓީވީގެ ޕްރޮގުރާމެއްގައެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް ބަންދުކޮށްފައިވާ އައްޑޫގެ ދެ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ އާއި ކެނަރީފް ރިސޯޓު ހުޅުވޭނެ ތާރީހެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.
އެ ދެ ރިސޯޓު ނުހުޅުވޭތީ އައްޑޫގައި ފާހަގަކުރަން ހަމަޖެހިފައިވާ ޓޫރިޒަމް ދުވަސް ވެސް ކުލަގަދަކޮށް ފާހަގަނުކުރަން މިހާރު ވަނީ ނިންމާފައެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިއްލާ އަދި ކެނަރީފް އަށް ވެސް ދެ ފަހަރު ދެވިފައިވާ ކަމަށާއި ޝަންގްރިއްލާ ހުޅުވަން ވެރިފަރާތުން ބޭނުން ވަނީ މަރާމާތަށްފަހު ކަމަށެވެ. އެގޮތުން އަންދާޒާތަކަށް ބަލާއިރު ޝަންގްރިއްލާ ހުޅުވަން މަރާމާތު ކުރަން ފަށާ ދުވަހުން ފެށިގެން ހަ މަސް ނަގާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.
"އެހެންވީމަ މަރާމާތު ކުރަން ފެށީމަ އަދި ހަ މަސްވަރު ފަހުން ހުޅުވޭނެ" ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ކެނަރީފް އަށް އޮތް "ޕްލޭން ބީ" މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ރިސޯޓު ބަންދުކޮށްފައި ބޭއްވުމަކީ ޗޮއިސެއް ނޫން ކަމަށެވެ. އެގޮތުން "ޕްލޭން ބީ" ގައި އޮތީ ކެނަރީފް ހުޅުވޭނެ ގޮތެއް ހޯދުން ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. ނަމަވެސް ހުޅުވޭނެ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
"އަޅުގަނޑަށް ތާރީހެއް ބުނަން އެނގޭ ސިކުންތުގައި އެ ތާރީހު ބުނާނަން" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މައުސޫމް ވަނީ މަރާމާތަށް ރިސޯޓުތައް ބަންދުކޮށްފައި ދެ އަހަރު ބޭއްވޭނެ ކަމަށް ޓޫރިޒަމްގެ ގަވާއިދުގައި ބަޔާންކުރާ ކަމަށާއި އެގޮތަށް ބޭއްވުމުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ ގަވާއިދު ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް