މަސްތުވާތަކެތި ހުއްޓުވުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށާއި އެ މައްސަލަ އިތުރަށް ފުޅާވެގެން ދަނީ ސިޔާސީ ލީޑަރުންގެ ނިޔަތް ބަލިކަށިވެގެން ކަމުގައި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އޭނާ އިސްނަންގަވައިގެން އުފައްދާފައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން އާންމުންގެ ޚިޔާލު ހޯދަން ރޭ ބޭއްވި ޙަރަކާތެއްގަ އެވެ.
މަސްތުވާތަކެއްޗާ ގުޅޭގޮތުން އުމަރުގެ ސިޔާސަތު ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާ ތަކެތީގެ ވަބާ ހައްލު ކުރެވޭނީ އެތަކެތި އެތެރެ ކުރާމީހުން ހުއްޓުވައިގެން ކަމަށެވެ. އަދި އިރާން، ޕާކިސްތާން، އަފްޣާނިސްތާން ފަދަ ޤައުމުތަކަށް ޑްރަގް އެތެރެކުރަނީ ރާއްޖެ އެތެރެ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވާފައިވާ އުމަރު ވަނީ އެމަނިކުފާނު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު ދިމާވި ބައެއް ކަންކަން ވެސް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން މަސްތުވާތަކެތީގެ މައްސަލައިގައި ބަންދު ކުރާ މީހުން ދޫކުރުމުގައި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ފަނޑިޔާރުން ހިއްސާވާކަން ހާމަ ކުރެއްވި އެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ ނަން ހާމަ އެއް ނުކުރައްވަ އެވެ.
މިކަން ހުއްޓުވޭނީ ސާބިތު ނިޔަތެއް އޮވެގެން ކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނެވޭނީ ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅައިގެން ނޫން ކަމަށާއި އެތެރެކުރާ މީހުން ހޯދާ މަރާލައިގެންނަމަވެސް އެ މީހަކު ހުއްޓުވަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް