ރައީސް ސޯލިހު ނިއު ޔޯކަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ. މި ދަތުރުފުޅުގައި ...

26 Sep 2021 | 07:06

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައިވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުން ނެވެ.

މި ތަޤުރީރުގައި އ.ދ. ގެ ރިޔާސަތާ މުޚާތަބްކުރައްވައި ދިވެހިންގެ މާދަރީ ބަހުން ވާހަކަދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަޤާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާ މެދުގަ އެވެ. އަދި ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ޤައުމެއްތޯ ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބުކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި ކޮވިޑް-19ގެ ބަލިމަޑުކަމަށްވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔެ އ.ދ. ގެ ޢާންމު މަޖިލީހަށް ބަރޯސާވާކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާއި، ޢިލްމާއި، ހުނަރާއި، ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ އެމަނިކުފާނުގެ ތަޤްރީރުގައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ވެސް އަލިއަޅުވާލެއްވި އެވެ. އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިޚްތިޔާރު ދިވެހިންނަށް ނެތްކަންކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަފަދަ އެތައް މައުޟޫޢަކަށް އަލިއަޅުވާލެއްވި އެވެ.

އދގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަޤްރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވާފަ އެވެ. "ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްޞަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ޙަވާސާގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ރައީސް ޢަބްދުﷲ ޝާހިދާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިލެވެލް ޑިސްކަޝަންތަކާއި ޙަފްލާތަކުގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން އެއޯސިސްގެ ލީޑަރސް ސަމިޓް 2021ގައާއި، ޑަރބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާ އާއި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާ، ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިވެސް މަޝްވަރާތައް ބާއްވަވާފަ އެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް، ހިޒް އެކްސެލެންސީ މާސެލޯ ރެބެލޯ ޑިސޯޒާއާއި ސްވިޒަރލެންޑް (ސްވިސް ކޮންފެޑެރޭޝަން) ގެ ރައީސް، ހިޒް އެކްސެލެންސީ ގައި ޕާރމެލިން އާއި ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާއި ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއާއި، ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާއި އަދި ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެ ވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައެއް ބައްދަލުވުންތަކާއި ޙަފްލާތަކުގެ އިތުރުން، ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި "މައި ޓްރެވަލްސް ޓު އެފްރިކާ" ފޮތް ނެރުމުގެ ޙަފްލާއާއި ވައި.އެމް.ސީ.އޭ، ބީ.އާރު.އޭ.ސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން އިންތިޒާމްކޮށް ވަރޗުއަލްކޮށް ބޭއްވި 'އަންލޮކް ދަ ފިއުޗަރ' ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ނިއުޔޯކް ސިޓީގައި ހުންނަ ކަރޓަރ ބަރޑަން/ ލިއޮނަރޑް ކޮވެލޯ ސީނިއަރ ޕްރޮގްރާމް ހިންގާ މަރުކަޒަށް ޒިޔާރަތްކުރެއްވި އެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އެމެރިކާގެ ގަރލް ސްކައުޓްސްގެ އިންޓެރިމް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މިސް ޖުޑިތް ބެޓީއާއި، އެމެރިކާގެ ގަރލް ގައިޑްސްގެ ޑިރެކްޓަރ އޮފް ގްލޯބަލް ގަރލް ސްކައުޓިންގ މިސް އަޑްވޯ އައިޑޫއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތައް ކުރައްވާފަ އެވެ.

މީގެއ އިތުރުން ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ) ނިއުޔޯކް އޮފީސްގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯ އާއި ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓް (ޖީ.އެފް.ޕީ.އޭ.) ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ ގުއޯ އާއި ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްޓަރގައި ހިމެނޭ ޕިއަނިސްޓެއްކަމަށްވާ މިސްޓަރ ބައިރޮން ޒޫއޮ ހިމެނޭގޮތަށްވެސް ބައްދަލުކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި އެކަމަނާ ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އ.ދ.ގެ ޢާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ އޭގެ ކުރިން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާ އޮތުމަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު .އދ.ގެ ޢާންމު މަޖިލީހަށް ވަޑައިގެން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރުކަމުގައިވުމުން އެފަހަރަކީވެސް ރާއްޖެއަށް ވަރަށް ޚާއްޞަވެގެންދިޔަ ފަހަރެކެވެ.

މިފަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން ރާއްޖެއަށް މާބޮޑަށް ޚާއްޞަވާ ސަބަބަކީ މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަހަރުކަމުގައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް