ބާރލިންގ މެރަތަންގައި ނަސްރު އާއި މޯޑު، މިއަދު ދުވަނީ - ރޭސް ފަށާނީ މެންދުރު 12:15 ގަ

އެންމެގިނަ ފުލް މެރަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑު އޮންނަ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) އާއި ރާއްޖޭގެ ފަސް ކިލޯ މީޓަރުގެ ރެކޯޑު ހޯލްޑަރ މުހައްމަދު ރަޝީދު (މޯޑު) ބާރލިން މެރަތަން ގައި މިއަދު ދުވާނެ އެވ...

26 Sep 2021 | 06:39

އެންމެގިނަ ފުލް މެރަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑު އޮންނަ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) އާއި ރާއްޖޭގެ ފަސް ކިލޯ މީޓަރުގެ ރެކޯޑު ހޯލްޑަރ މުހައްމަދު ރަޝީދު (މޯޑު) ބާރލިން މެރަތަން ގައި މިއަދު ދުވާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް މެރަތަން ކަމަށްވާ ބާލިން މެރެތަން މި ދެ ދުވުންތެރިން ދުވާނީ ރާއްޖޭގަޑިން މިއަދު މެންދުރު 12:15 ގަ އެވެ.

މި ރޭހުގައި މިއީ ނަސްރު ވާދަކުރާ ތިން ވަނަ ފަހަރެވެ. އަދި މޯޑުގެ މިއީ ބާރލިން މެރަތަންގައި މޯޑު ދުވާ ދެވަނަ ފަހަރެވެ.

މިއަދުގެ ރޭހާއިގުޅޭގޮތުން ނަސްރު ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މިފަދަ ރޭސްތައް ބޭއްްވުން މަޑުޖެހިފައި އޮތުމަށް ފަހު، އަލުން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރިތަކުރުންތަކަށް ވަރަށްބޮޑަށް ބުރޫއެރި ކޮވިޑުގެ ސަބަބުން. އެކަމަކު އިރާދަކުރެއްވިއްޔާ މިހާރުމަޑުމަޑުން މިދަނީ އެހާލަތު ބަދަލުވަމުން. އެހެންވީމަ މިބަލަނީ ކުރިއަށް އޮތްތަނުގައި އިތުރުދުވުންތައް ބާއްވާނެ ކަމަށް." ނަސްރު ބުންޏެވެ.

މީގެ އިތުުރުން ނަސްރު ބުނީ މިއަދުގެ ރޭހުގައި ވެސް އޭނާގެ އަމާޒަކީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމުން ކަމަށެވެ.

މި ރޭހާއިގުޅޭގޮތުން މޯޑު ބުނީ އަނިޔާގެ އެއްވެސް މައްސަލައެއް މިވަގުތު ނެތް ކަމަށާއި ބޭނުންވަނީ ރަނގަޅު ޓައިމިންގއެއްގަ ރޭސް ނިންމުން ކަމަށެވެ. އަދި މިއަދުގެ ރޭހަކީ ޕާކިސްތާންގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އިން މެޑައްޔެއް ހޯދުމުގެ އަމާޒަށް ވާސިލުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.

"މިއަދުގެ ރޭހުގައި ވަރަށްބޮޑަށް ބަލާނަން ޓައިމިންގ ރަނގަޅުކޮށް، އިތުރު ކުރިއެރުމެއް ހޯދުމަށް. އިރާދަކުރެއްވިއްޔާ އެކަން ވާނެ." މޯޑު ބުންޏެވެ.

މެރަތަންގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން، ނަސްރު ވަނީ އެކަމަށް އެމްއެންޑީއެފްގެ މެނޭޖުމެންޓުން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

މިއަދު ބާއްވާ ބާރލިން މެރަތަން ގައި 30،000 ވުރެ ގިނަ ދުވުންތެރިން ދުވާނެ އެވެ.

އޭގެތެރޭގައި މެރަތަންގެ ދުނިޔޭގެ ރެކޯޑް އޮންނަ ކެންޔާގެ އެލިއުޑް ކިޕްޗޯގް ވެސް ދުވާނެ އެވެ. އޭނާގެ ރެކޯޑް ނިސްބަތް ވަނީ ވެސް ބާލިން މެރެތަން އަށެވެ. އޭނާ އެ ރެކޯޑް ހެދި 2018 ގެ ބާލިން މެރަތަންގައި ވާދަކޮށް 2:01:39 އިން މެރަތަން ނިންމައިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް