އެންމެ ގިނަ ދުވަސްވީ އިންޑިއާގެ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" އިން ބޮޑު ބަދަލެއް ފެންނަން ކައިރިވެއްޖެ އެވެ.
ސްޓާ ޕްލަސްއިން 2009 ވަނަ އަހަރުން ފެށިގެން ދައްކަމުންދާ އެ ޝޯއަށް ބަދަލު ގެންނަން ޖެހިފައިވަނީ ޝޯގެ ލީޑް ދެ އެކްޓަރުން ޝޯ ދޫކޮށްލަން ނިންމުުމުންނެވެ. ލީޑް އެކްޓަރުގެ ރޯލުން ފެނިގެންދާ މުހުސިން ހާން (ކާތިކް) ޝޯ އާއި ވަކިވާން ނިންމާފައިވާއިރު ޝިވާންގީ ޖޯޝީ (ނައިރާ) އެ ޝޯ އާއި ވަކިވަނީ ބިކް ބޮސްގައި ބައިވެރިވުމަށެވެ.
މި ދެ ތަރިން ބައިވެރިވެެގެން އެންމެ ފަހު އެޕިސޯޑު ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝިވާންގީ އާއި މުހުސިން ޝޯއިން ވަކި ވުމާއިއެކު ޝޯގައި ދައްކަން ފަށާނީ އެތައް އަހަރެއް ފަހެވެ. އެއީ އެ ދެމީހުންގެ ދަރިން ބޮޑެތިވެގެން އުޅޭ ހިސާބު ކަމަށްވެ އެވެ.
ލީޑް ތަރިން ޝޯ އާއި ވަކި ވިޔަސް "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ހުއްޓާލަން ޕްރޮޑަކްޝަން ޓީމުން ނިންމާފައެއް ނުވެ އެވެ. އެއީ ޝޯއަށް އަދިވެސް އެންމެ ކުރިން ލިބެމުން އައި ތަރުހީބު އޮތުމާއި ސަޕޯޓަރުން އާ ބަދަލުތައް އެ ޝޯއިން ފެންނަން އަބަދުވެސް ޑިމާންޑު ކުރާތީ އެވެ.
އެންމެ ފުރަތަމަ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ"ގެ ލީޑް ރޯލުން ފެނިގެން ދިޔައީ ނައިރާގެ މަންމަ އާއި ބައްޕަ ކަމަށްވާ ހީނާ ހާން (އަކްޝަރާ) އަދި ކަރަން މެހެރާ (ނެއިތިކް) އެވެ. ލީޑް ރޯލު ނައިރާ އާއި ކާތިކަށް ދޭން ޖެހުނީ އަކްޝަރާ އާއި ނެއިތިކް އެ ސިލްސިލާ ކުޅެ ކުޅެ ފޫހިވެގެން ދޫކޮށްލަން ނިންމުމުންނެވެ.
މިހާތަނަށް އެ ސިލްސިލާގެ 3،453 އެޕިސޯޑު ދައްކާފައިވެ އެވެ. އެއީ 58 ސީޒަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް