ސްޕެނިޝް ލީގު: ވިއަރެއާލާއި އެއްވަރުވެ ރެއާލް މެޑްރިޑުން ފުރުސަތު ނަގާލައިފި

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ވިއަރެއާލްއާއި އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި ...

26 Sep 2021 | 03:26

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ވިއަރެއާލްއާއި އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ވިއަރެއާލުން ނަމަވެސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން އެ ޓީމުން 15 ހަމަލާއެއް ވިއަރެއާލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލިއިރު، ވިއަރެއާލްއަށް ރެއާލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. ވިއަރެއާލްގެ ދެ ހަމަލާވެސް ޓާގެޓަށް އަމާޒު ކުރިއިރު، މި ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ރެއާލްގެ ގޯލް ކީޕަރު ކޯޓުއާއެވެ. ރެއާލުން ވިއަރެއާލްގެ ގޯލަށް ފޮނުވާލި 15 ހަމަލާގެ ތެރެއިން ސީދާ ޓާގެޓަށް އަމާޒުވީ އެންމެ ދެ ހަމަލާއެވެ.

ވިއަރެއާލާއި ވާދަކޮށް ރެއާލް މެޑްރިޑް އެއްވަރުވިއިރު، މި މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ރެއާލަށް އޮތެވެ. އެކަމަކު މެޗު އެއްވަރުވުމާއެކު، ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ދެވަނާގައި އޮތް ސެވިއްޔާއަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން ތިން ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ. ނަމަވެސް ލީގުގައި ދެން ސެވިއްޔާ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ރެއާލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ވާނެއެވެ.

ކުޅުނު ހަތް މެޗުން ރެއާލް މެޑްރިޑަށް 17 ޕޮއިންޓާއި އެކު ލީގުގެ އެއްވަނާގައި އޮތްއިރު، ދެވަނައިގައި އޮތް ސެވިއްޔާ ރެއާލަށް ވުރެ އެއްމެޗުން މަދުން ކުޅެގެން ދެވަނާގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއި އެކުގައެވެ. ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ވެސް ހަތް މެޗުން 14 ޕޮއިންޓް ވަނީލިބިފައެވެ.

ލީގުގައި ރެއާލް މެޑްރިޑް ދެން ނުކުންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ރަށުން ބޭރުގައި އެސްޕަޔޯލާއި ދެކޮަޅަށެވެ. އަދި ވިއަރެއާލް ނިކުންނާނީ ހަމަ އެ ދުވަހު އަމިއްލަ ރަށުގައި ރެއާލް ބެޓިސްއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް