ޕްރިމިއާ ލީގު: ބްރެންޓްފޯޑުން ވަރުގަދަ ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރެންޓްފޯޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ. ފޯރިގަދ...

26 Sep 2021 | 02:46

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރެންޓްފޯޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބްރެންޓްފޯޑުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީތަން ޕިނޮކެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޖޯޑަން ހެންޑަސަންގެ އެހީތެރިކަމާއި އެކު ޑިއޯގޯ ޖޮޓާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމު އެއްވަރެއްގައޮ އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ލިވަޕޫލުން މި މެޗުގައި ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައެވެ. ފަބީނިއޯގެ އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މުހައްމަދު ސަލާހެވެ. މި ލަނޑަކީ ސަލާހް ލިވަޕޫލަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ. މިއާއި އެކު ސަލާހު ވެފައިވަނީ ލީގުގައި ލިވަޕޫލަށް އެންމެ އަވަހަށް 100 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.

ސަލާހުގެ ލަނޑުން ލިވަޕޫލުން ލީޑު ނެގި ނަމަވެސް، ލިވަޕޫލަށް މި ލީޑުގައި މާ ގިނަ އިރު އޮވެވޭގޮތެއް ނުވިއެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ބްރެންޓްފޯޑް ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިޓަލީ ޔަނެލްޓް އެވެ. ބްރެންޓްފޯޑުން ނަތީޖާ އެއްވަރު ކުރިތާ މާ ގިނައިރެއް ނުވެ އަނެއްކާ ވެސް ލިވަޕޫލުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާޓީސް ޖޯންސްއެވެ. މި މެޗުގައި ބްރެންޓްފޯޑުން އަލުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޮއާން ވިސާއެވެ.

މި މެޗު އެއްޗަރުވުމުން މިވަގުތު ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއި އެކު ލީގުގެ އެއްވަނާގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި، ތިންވަނައިގައި އޮތް ޗެލްސީ އާއި، ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި ފަސްވަނައިގައި އޮތް އެވަޓަނަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް