މިއަދު ކުރިއަށްދިޔަ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ސޯލިހްގެ ފެކްޝަނުން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
ސިޔާސީ ހަޔާތުގައިވެސް ރައީސް ނަޝީދަށް ލިބުނު އެންމެ ބޮޑު ލަދު އަދަދަކީ މިއަދުގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު މަދު އަދަދު ކަމުގައި ބެލެވޭއިރު މިހާރުގެ ނަތީޖާ ދައްކާގޮތުން ނަމަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި މިވަނީ ރައީސް ސޯލިހްގެ ފެކްޝަނުން ކާމިޔާބުކޮށްފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު ކަމަށް މި ބެލެވެނީ 32 ގޮނޑިއެވެ. އެއީ 97 އިން ބަލާނަމަ ވަރަށްވެސް މަދު އަދަދެެކެވެ.
މި އިންތިހާބުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ގޮނޑިތައްވެސް ނަގާފައިވަނީ ރައީސް ސޯލިހްގެ ފެކްޝަނުން ކަމުގައި ފާހަގަކޮށްލަން ޖެހެއެވެ. ބޮޑު ގޮނޑިއެއްގެ ގޮތުގައި ގެއްލިގެން ދިޔައީ މާލޭ ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި، އަކްރަމް ކަމާލުއްދީނާ ވާދަޮކޮށް، މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ ވަނީ ކާމިޔާބު ކުރައްވާފައެވެ. އެ ގޮނޑި ފިޔަވާ އެހެން މުހިންމު ދާއިރާތައް ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން ކާމިޔާބު ކުރެއްވި އިރު ދައުލަތުގެ ހުރިހާ ވަޒީރުން ކުރިމަތިލެއްވި ދާއިރާތައް ކާމިޔާބުކޮށްފައިވާކަންވެސް ފާހަަގަކޮށްލަން ޖެހެއެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ދެ ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާކަމުގެ އަޑުތައް ކުރިންވެސް ގަދަވެފައިވާއިރު އެމްޑީޕީގެ ހަޔާތުގައި ދެން އަންނާން އޮތީ ވަރަށް ތަފާތު ދުވަސްތަކެއް ކަމުގައި ބެލެވެއެވެ. އެމްޑީޕީގެ ވެރިކަމެއް މިހާރު އޮތް އިރު ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ސީދާ އެމްޑީޕީގެ ތެރެއިން ހުރަސް އަޅަމުންދިޔަ ކަމުގެ އަޑުވެސް ކުރިން ގަދަވެފައިވާއިރު މިރޭގެ މި ނަތީޖާއާއާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ބެލެވެއެވެ. މި ނަތީޖާއާއެކުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ފަސޭހަކަމާއެކު ރައީސް ސޯލިހަށް ލިބިލައްވާނެކަމުގައިވެސް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް